އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދުގެ މައްސަލަތަކެއް ވަރަށް އަވަހަށް ބަލަން ފަށާނެ ކަމަށް ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ (ޕީއެންސީ) ގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިގޮތަށް އިއުލާނު ކުރެއްވީ އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމްޑީޕީ އިން އޮކްޓޯބަރު 3، ގައި މުޒާހަރާއެއް ކުރަން ނިންމާފައިވާ ކަމަށެވެ.
"މުޅި ގައުމު އެއްކޮށް ދަވާލައިގެން ތިބެ ބަލާބަލަ ދައްކާ ވާހަކަ ރީއްޗެއްނު. ކޮށްފަހުރި ވައްކަންތައް މިހާރު ބަލަންފަށާތި ތިއުޅެނީ ގައުމު ހަލަބޮލި ކުރަން،" ފަލާހު ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ރައީސް ޝާހިދުގެ މައްސަލަތަކެއް ބަލަން ފަށާނެ ކަމަށް ފަލާހު ވިދާޅުވިއިރު، އެ ބުނާ މައްސަލަތައް މީގެ ކުރިން ނުބެލީ ކީއްވެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްސަލަތައް ބަލަން ފަށަން އުޅުމުގެ އިތުރުން ސަރުކާރުން ދަނީ ގާނޫނެއް ފާސްކޮށް މީޑިއާގެ އަޑު ކަނޑުވާލުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އިދިކޮޅު ޕާޓީތަކުން ބުނަނީ މީޑިއާގެ އަޑު ކަނޑުވާލަން މަސައްކަތް ކުރަނީ ސަރުކާރުގެ ވެރިން ކުރާ ވައްކަންތައް ފޮރުވަން ކަމަށެވެ.