ރާއްޖޭގެ މިނިވަން މީޑިއާގެ އަޑުކަނޑުވާލާ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު އެކަން ކުރީ އިސްލާމް ދީނަށްޓަކައި ކަމަށް ބުނެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހުގައި މިއަދު ދޮގު ހައްދަވައިފި އެވެ.

ހަންނާނަކީ ސަރުކާރުގެ އެންގުމަށް މީގެ ކުރިން ވެސް އެފަދަ ބިލެއް ހުށަހެޅުއްވި މެންބަރެކެވެ. ސަރުކާރު ފަރުމާ ކުރި އެ ބިލު ހުށަހެޅުއްވުމަށްފަހު ލިޔެފައި އޮތް ގަނޑެއް ބަލައިގެން ވާހަކަ ދައްކަވަމުން ހަންނާނު ދެއްކެވީ އިސްލާމް ދީނުގައި ތެދު ހެދުމާއި މައުލޫމާތު ފެތުރުމުގައި ތެދު މައުލޫމާތު ފެތުރުމުގެ މުހިންމުކަމުގެ ވާހަކަ އެވެ.

"އިސްލާމް ދީން ގަބޫލު ކުރާ ގޮތުގައި ފާޅު ކުރާ ކޮންމެ ހިޔާލެއް ނުވަތަ ހަބަރެއް ވާންޖެހޭނީ ތެދު ހަބަރަކަށް. އެއީ އޭގެ ސަބަބުން ހިތްދަތިވެ މާޔޫސްވާންޖެހޭ ފަދަ ކަމެއް ހިނގައިފާނެތީ،" ހަންނާނު ވިދާޅުވި އެވެ. "އިސްލާމް ދީން ގަބޫލު ކުރާ ގޮތުގައި މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވާންޖެހޭ."

އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި ހުށަހެޅި އެ ބިލްގައިވާގޮތުން އެ ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުންނެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.

ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުންދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭނެ އެވެ.

ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ހުށަހަޅާ ކޮންމެ މައްސަލައެއް ވެސް އެ ކޮމިޝަނަށް ބެލޭނެ އެވެ. އެކަމަކު، މައްސަލައިގައި ބުނާ ހާދިސާ ހިނގިތާ އަހަރެއް ފާއިތުވެފައި އޮވެގެން ނުވާނެ އެވެ. އެހެންކަމުން، އެ ބިލު ތަސްދީގު ކުރާތާ އަހަރެއް ކުރިން ހިނގާފައިވާ ކަންކަމާ ގުޅޭ މައްސަލަތައް ވެސް ކޮމިޝަނަށް ބެލޭނެ އެވެ.

ބިލުގައިވާ ގޮތުން، ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ. ސިވިލް ސާވިސް ކޮމިޝަނަކީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނެކެވެ.

ކޮމިޝަނަށް ލިބިދޭ އިތުރު ބާރުތަކުގެ ތެރޭގައި، މީޑިއާތަކުގެ ސުލޫކު ކަނޑައެޅުމާއި ނޫސްތައް ރަޖިސްޓްރީ ކުރުމާއި ނޫސްވެރިންގެ ދަފުތަރެއް އެކުލަވާލުމާއި މީޑިއާ މޮނީޓާ ކުރުމާއި ބްރޯޑްކާސްޓު ކުރުމަށް ލައިސަންސް ދޫކުރުން ހިމެނެ އެވެ.