އިޒްރޭލްގައި އިހުތިޖާޖުކުރާ ފަރާތްތަކުން ހަނގުރާމަ ހުއްޓާލުމަށާއި ގައްޒާގެ ރަހީނުން މިނިވަން ކުރުމަށް އެދި ހަޅުތާލުކޮށް އިޒްރޭލްގެ މަގުތަކުގައި އަލިފާން ރީކުރަމުން އެބަގެންދެ އެވެ.

އާދީއްތަ ދުވަހު ފެށި މި މުޒާހަރާ އިތުރަށް ފުޅާވެ، މުޒާހަރާގެ ބައިވެރިން ވަނީ އިޒްރޭލްގެ ބޮޑެތި މަގުތައް ބަންދުކޮށް، އެ މަގުތަކުގައި އަލިފާން ރޯކޮށްފަ އެވެ. އެކަމުގެ ސަބަބުން އެކަމުގެ ސަބަބުން ވިޔަފާރިތައް ވެސް ހުއްޓުމަކަށް ވަނީ އައިސްފަ އެވެ.

ގައްޒާގައި ހިފެހެއްޓިފައިވާ ރަހީނުންގެ އާއިލާތަކުން ގައުމީ ފެންވަރުގެ މުޒާހަރާއެއް ކުރަމުން އަންނައިރު، އެ މުޒާހަރާތަކުގައި "އާންމު މަސްލަހަތު ނަގާލުމުގެ" ތުހުމަތުގައި އެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން 30 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ގައްޒާގައި ޖަމާސް އިން ހިފަހައްޓާފައިވާ ރަހީނުން ދޫކޮށްލުމަށް އެއްބަސްވުމަކަށް އައުމަށް އިޒްރޭލް ސަރުކާރަށް މުޒާހަރާކުރާ ފަރާތްތަކުން ގޮވާލަމުންދެ އެވެ.

މުޒާހަރާކުރާ ފަރާތްތަކުން އިޒްރޭލްގެ އެކި ސަރަހައްދުތަކުގައި، ސިޔާސީ ފަރާތްތަކުގެ ގެތަކުގެ ކުރިމަތީގަ އާއި، މިލިޓަރީ މައި މަރުކަޒުތަކުގަ އާއި، މައި މަގުތަކުގައި އެއްވެ، މަގުތައް ބަންދުކޮށް އަލިފާން ރޯކޮށް، މަގުތައް ވަނީ ދުމުން ފުރާލާފަ އެވެ. އަދި އިޒްރޭލްގެ އަސްކަރިއްޔާއިން ވަނީ މުޒާހަރާކުރާ ފަރާތްތަކަށް ފެން ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފަ އެވެ.

އިޒްރޭލްގައި މިހާރު ކުރިއަށް ދަނީ އެ ގައުމުގެ ތާރީޚުގައި ވެސް އެންމެ ވަރުގަދަ މުޒާހަރާތަކެވެ. އިޒްރާއީލުގައި މުޒާހަރާތަށް ފެށުނީ ގައްޒާގައި ރަހީނުކޮށްފައި ތިބި މީހުންގެ ތެރެއިން 6 ރަހީނުން މަރުވެފައި ވަނިކޮށް ފެނުނު ފަހުންނެވެ. އަދި މުޒާހަރާތައް ވަރުފަދަ ކުރީ އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫގެ އަމުރަށް ގައްޒާ ހިފުމުގެ އަމުރެއް އެގައުމުގެ އަސްކަރިއްޔާއިން ނެރުނު ހިސާބުންނެވެ.

މުޒާހަރާގެ ތެރެއިން 32 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް އިޒްރޭލްގެ ފުލުހުން ބުނެ އެވެ.

އިޒްރޭލްގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މިވަގުތު 50 ވަރަކަށް ރަހީނުން ތިބި އިރު އޭގެ ތެރެއިން މިވަގުތު ދިރިހުރީ އެންމެ 20 ރަހީނުންނެވެ.

އިޒްރޭލްގައި މިވަގުތު ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ދާއިރު، މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ ގައްޒާގައި ރަހީނުކޮށްފައި ތިބި ރަހީނުން މިނިވަން ކުރުމަށް ހަމާސްއިން ހުށައަޅާފައި އޮތް އެއްބަސްވުން ގަބޫލު ކުރުމަށެވެ. އަދި ލޭ އޮހޮރުވައިގެން ހަނގުރާމަ ކޮށްގެން ރަހީނުން ސަލާމަތް ނުކުރެވޭނެ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.