ސިންގަޕޫރުގެ ކުރީގެ މިނިސްޓަރަކަށް އެގައުމުގެ ބިލިއަނަރު އޮންގް ބެންގް ސެންގް "ހަދިޔާތަކެއް" ގެ ނަމުގައި ރިޝްވަތު ދިނުމާ ގުޅިގެން ޖޫރިމަނާކޮށްފި އެވެ.

ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގަމުން އަންނަ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު އޮންގް ޖޫރިމަނާކޮށްފައި ވަނީ ސިންގަޕޫރުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްރަމާނިއަމް އިސްވަރަން އަށް އަގުބޮޑެތި ހަދިޔާތަކެއް ދިން ކަން ސާބިތުވުމާ ގުޅިގެންނެވެ.

މީގެ ތެރޭގައި މިނިސްޓްރީ އާއި އޮންގް ގެ ކުންފުނިން ރަސްމީ މުއާމަލާތްތަކެއް ކުރަމުން ދަނިކޮށް، އޮންގްގެ ހަރަދުގައި މިނިސްޓަރު ޕްރައިވެޓް ޖެޓެއްގައި ގަތަރަށް ގެންދިޔުން ހިމެނެ އެވެ.

79 އަހަރުގެ އޮންގް ކުރި ކުށަށް 7 އަހަރު ޖަލު އަދަބެއް ކަނޑައެޅި ނަމަވެސް، އޭނާގެ ސިއްހަތަށް ބެލުމަށްފަހު މައްސަލަ ބެލި ފަނޑިޔާރު ވަނީ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށްފަ އެވެ. މިގޮތުން އޭނާ ޖޫރިމަނާކޮށްފައިވަނީ 23،400 ޑޮލަރުންނެވެ.

ވަރަށް މަދުން ނޫނީ ބޯން މެރޯއަށް ޖެހޭ ކެންސަރު ބައްޔެއް ތަހައްމަލު ކުރަމުންދާ އޮންގް 3 މަހަށް ޖަލަށް ލާން ބޭނުންވި ނަމަވެސް، އޭނާގެ ސިއްހަތަށް އެކަމުން ނުރައްކާވެދާނެތީ ފަނޑިޔާރު ވަނީ އޭނާގެ ޖޫރިމަނާއިން ފުދޭކަމަށް ނިންމާފަ އެވެ.

ސިންގަޕޫރުގެ ގާނޫނު ބުނާ ގޮތުން އެގައުމުގެ ސަރުކާރުގެ މިނިސްޓަރުންނަށް ލިބޭ ހަދިޔާތައް ބަލައިގަނެވޭނީ އޭގެ އަގު ސަރުކާރަށް ދައްކާ، އެކަން ހާމަކުރުމަށްފަހު އެވެ.

މި މައްސަލާގައި އޮންގް ގެ އިތުރުން އިސްވަރަންވެސް ޖުލައި 2023 ގައި ހައްޔަރުކުރިއިރު، ފޯމިއުލާ 1 (އެފް1) ސިންގަޕޫރަށް ގެނައުމުގައި އިސްރޯލެއް އަދާކުރި އޮންގް ގެ ފަރާތުން އިސްވަރަން އަށް ހަދިޔާގެ ގޮތުގައި ފްލައިޓްތަކާއި، ސިންގަޕޫރު ގްރާންޑްޕްރިކްސް ގެ ޓިކެޓާއި، މިއުޒިކަލް ހިމެނޭހެން 311،882 ޑޮލަރުގެ "ހަދިޔާ" ލިބިފަ އެވެ.

އޭރު އިސްވަރަން އަކީ ސިންގަޕޫރުގެ ސަރުކާރުގެ ފަރާތުން އެފް1 ގެ ސްޓްރީން ކޮމިޓީގައި އިންނަވާ އަދި އެފް1 އާ ގުޅުން ހުރި ވިޔަފާރީގެ މުއާމަލާތްތައް ކުރާ ޗީފް ނެގޯޝިއޭޓަރެވެ.

މި މައްސަލައާ ގުޅިގެން އިސްވަރަންގެ މައްޗަށް ވަނީ 27 ދައުވާއެއް ވަނީ ކޮށްފަ އެވެ.