އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 50 އިންސައްތަ ޓެރިފް ދައްކަން ޖެހޭ ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވުމާ ގުޅިގެން އިންޑިއާގައި ވިއްކާ އެމެރިކާގެ ބްރޭންޑްތައް ބޮއިކޮޓް ކުރުމުގެ ހަރަކާތެއް ފެށިއްޖެ އެވެ.

އިންޑިއާއަކީ އެމެރިކާގެ ބްރޭންޑްތަކަށް އެންމެ މުހިންމު އެއް މާކެޓް ކަމަށްވާއިރު، މިފަދަ އިންޓަނޭޝަނަލް ބްރޭންޑްތަކަކީ ދިރިއުޅުމުގެ ކުރިއެރުމެއް ކަމަށް ގަބޫލުކުރާ މި ގައުމަކީ އެފަދަ ބްރޭންޑްތަކަށް އަބަދުވެސް ތަރުހީބު ލިބޭ، ފުޅާވަމުން އަންނަ މާކެޓެއް އޮންނަ ގައުމެކެވެ.

އެހެންނަމަވެސް ރަޝިއާއިން ތެޔޮ ގަތުން ހުއްޓާނުލާނެ ކަމަށް އިންޑިއާއިން ނިންމި ނިންމުމާ ގުޅިގެން ޓްރަމްޕް ޓެރިފް އިއުލާނު ކުރުމާއެކު، ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

މިއާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މެކްޑޮނަލްޑްސް، ކޮކާ ކޯލާ، އެމޭޒަން އަދި އެޕްލް ފަދަ އެމެރިކާގެ ބްރޭންޑްތައް ބޮއިކޮޓް ކުރަން ފަށާފަ އެވެ.

ވަޓްސްއެޕާއި އެމެރިކާގެ ޑޮމިނޯސްގެ އެންމެ ބޮޑު މާކެޓްކަމަށްވާ އިންޑިއާގެ އާއްމުން އަންނަނީ މިފަދަ އެމެރިކާގެ އުފެއްދުންތައް ދޫކޮށް އެގައުމުގެ އުފެއްދުންތައް ބޭނުންކުރުމަށް ގޮވާލަމުންނެވެ.

މިގޮތުން އިންޑިއާގެ ވާއޮ ސްކިން ސައިންސްގެ ކޯ ފައުންޑާ މަނީޝް ޗޯދްރީ ވަނީ ކާބޯތަކެއްޗާއި ރީތިވުމަށް ބޭނުންކުރާ ސަމާނު މަޝްހޫރު ކުރި ދެކުނު ކޮރެއާ ފަދައިން އިންޑިއާގެ އުފެއްދުންތަކަކީވެސް ދުނިޔޭގައި މަގުބޫލުތަކެއްޗަށް ހެދުމަށް މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ. އަދި އިންޑިއާގެ ޑްރައިވް ޔޫ ގެ ސީއީއޯ، ރަހްމް ޝަސްތްރީ ވެސް ވަނީ އިންޑިއާގައި ވެސް އޭގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއް އުފައްދަން ޖެހޭކަމަށް ބުނެފަ އެވެ.