އިޒްރޭލުގެ ގޭސް ކުންފުންޏެއް ކަމަށްވާ ލެވިއަތަން ނެޗުރަލް ގޭސް ފީލްޑުން 35 ބިލިއަން ޑޮލަރުގެ ގޭސް ގަތުމަށް މިސްރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއީ އިޒްރޭލުގެ ތާރީހުގައިވެސް މިހާތަނަށް އެ ގައުމުން ގޭސް ގަތުމަށް ވެފައިވާ އެންމެ ބޮޑު އެއްބަސްވުމެވެ.

ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރިގަނެ، އެ ބިމުގެ މުއްސަދިކަން ނުހައްގުން ހޯދަމުންދާ އިޒްރޭލާއެކު މި އެއްބަސްވުމުގައި ސޮއިކުރުމުން މިސްރުގެ ހަކަތައިގެ ދަތިކަމަށް ހައްލެއް އަންނާނެ ކަމަށް ވަނީ ބުނެފަ އެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އެތައް އުދުވާންތަކެއް ހިންގާ، ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސާ އެތައް ލާއިންސާނީ އަމަލުތަކެއް ހިންގާ ގައުމެއްގެ ކުންފުންޏެއްގެ އަތުން ގޭސް ގަތުމަށް މިސްރުން ނިންމުމާ ގުޅިގެން އެގައުމަށް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވަމުންނެވެ.

ޑިމާންޑާ އެއްވަރަށް ހަކަތަ އުފެއްދުމުގެ ގާބިލުކަން ނެތުމުގެ ސަބަބުން މިސްރުގެ ހަކަތައިގެ އުފެއްދުން ދަށްވާން ފެށީ 2022 ވަނަ އަހަރު އެވެ.

އީރާނާއި އިޒްރޭލާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމައިގެ ތެރޭގައި ފަލަސްތީނުގެ ބިމުގެ 600 ބިލިއަން ކިއުބިކް މީޓަރު ހިފައިގެން ތިބި ލެވިއަތަން އިން ގޭހުގެ ވިޔަފާރި ހުއްޓާލިނަމަވެސް އޭގެ ފަހުން އަލުން އޮޕަރޭޝަންތައް ފަށާ، އެއްބަސްވުމުގެ ދަށުން މިސްރަށް 2040 ވަނަ އަހަރާ ހަމައަށް 130 ބީސީއެމްގެ ގޭސް ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ލެވިއަތަން އިން މިސްރަށް އަންނަ އަހަރުގެ ކުރީ ކޮޅު އިތުރު ޕައިޕްލައިން ތަކުގެ އެހީގައި 20 ބީސީއެމްގެ ގޭސް ފޯރުކޮށްދޭނެ އެވެ.