ވެނެޒުއެލާގެ ރައީސް، ނިކޮލަސް މަޑޫރޯ ހައްޔަރުކުރާ ފަރާތަކަށް އެމެރިކާއިން 50 މިލިއަން ޑޮލަރުގެ އިނާމެއް ދޭން ނިންމައިފި އެވެ.
މަޑޫރޯ ހައްޔަރު ކުރާ ފަރާތަކަށް އިނާމެއް ދޭނެކަން އެމެރިކާއިން އިއުލާނު ކުރީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އޭރު އެމެރިކާއިން ހުށަހެޅީ 25 މިލިއަން ޑޮލަރު ދިނުމަށެވެ.
އެމެރިކާއިން މަޑޫރޯ ހައްޔަރު ކުރުމަށް ނިންމީ އޭނާ އަކީ ދުނިޔޭގެ ޑްރަގް ޓްރެފިކް ކުރާ މީހުންގެ ބޮޑެއް ކަމަށާއި، އެމެރިކާ އަށް ކޮކެއިން އެތެރެ ކުރަން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރުމަށްފަހު އެވެ.
މިގޮތުން އެމެރިކާގެ އެޓާނީ ޖެނެރަލް، ޕަމް ބޮންޑީ މިކަން އިއުލާނު ކުރަމުން ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ލީޑާޝިޕްގެ ދަށުން މަޑޫރޯ އަށް އިންސާފުން ސަލާމަތް ނުވެވޭނެ ކަމަށާއި، އޭނާ ކުރި ކުށްތަކަށް ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. މިއާއެކު ބޮންޑީ ވަނީ މި މައްސަލާގައި މައުލޫމާތު ހިއްސާ ކުރެވޭނެ ފޯން ނަންބަރެއްވެސް އާއްމުކޮށްފަ އެވެ.
ބޮންޑީ ވިދާޅުވީ، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން މަޑޫރޯ އާ ގުޅުން ހުރި 700 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މުދާ ހޯދާފައިވާކަމަށާއި، އޭގެ ތެރޭގައި 2 ޕްރައިވެޓް ޖެޓާއި، 9 އުޅަނދާއި، ސީދާ އޭނާ އަށް ޓްރެކްވާ ކޮކެއިން ވެސް ހިމެނޭ ކަމަށެވެ.
މިކަމަށް ރައްދުދެއްވަމުން ވެނެޒުއެލާ ގެ ފޮރިން މިނިސްޓަރު ޔިވަން ގިލް ވަނީ މިއީ އެމެރިކާގެ ރައީސް ޓްރަމްޕާ ގުޅުން އޮތް އެޕްސްޓެއިން ފައިލްތައް އާއްމު ނުކުރަން އެގައުމުން ދައްކާ ބަހަނާއެއް ކަމަށް ވިދާޅުވެފަ އެވެ.