ސަރުކާރުން އެކުލަވާލި ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ އަދަދުގެ ތެރެއިން، ބޭންކުތަކުން ވިއްކަންޖެހޭ އަދަދުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 247.2 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭއިން އެ އިދާރާގެ މަނިޓަރީ ސިޔާސަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް ތަފުސީލުކޮށް ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިޒާވަށް ލިބޭ ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާގެ އާމްދަނީކަމަށެވެ.

މިގޮތުން، 2025 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ސަރުކާރަށް ޓެކުހާއި ފީގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީ ވަނީ 2024 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 30 އިންސައްތަ އިން އިތުރުވެފައިވާ ކަމަށާއި، ބޭންކުތަކުންވެސް 247.2 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އެމްއެމްއޭއިން ބުނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރިޒާވްއިން ކޮށްފައިވާ ހޭދަތަކަށް ބަލާއިރު، ސަރުކާރުގެ ބޭރުގެ ދަރަނި އަދާކުރުމަށް 212.6 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާކަމަށާއި، މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 60 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

ޖުލައި މަހުގެ ނިޔަލަށް އެމްއެމްއޭގެ ރިޒާވުން ކުރި ހަރަދު ތަކަށް ބަލާއިރު، ރާއްޖެއަށް ތެލާއި، ކާޑު އަދި ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށްޓަކައި އެސްޓީއޯއަށް ީ 274.3 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. އަދި އަމިއްލަ ވިޔަފާރިތަކަށާއި އާންމުންގެ އެކި ބޭނުންތަކަށް ހިމެނޭހެން ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 217.0 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާކަމަށް އެމްއެމްއޭއިން ބުނެ އެވެ.

މީގެ ތެރޭގައި ތައުލީމް ހާސިލްކުރުމަށާއި، ބޭސްފަރުވާއަށް ވިއްކާ އަދަދު، ރާއްޖެއިން ބޭރަށް ދަތުރުކުރާ ކޮންމެ ދިވެއްސަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން ނަގުދު ފައިސާ، އަދި އުމްރާ ގްރޫޕްތަކަށް ވިއްކާ އަދަދު ހިމެނެ އެވެ.

ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ވަކި އަދަދަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވާލާ އަމަލުކުރަން ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އެ ގާނޫނު އެކުލަވާލީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި، ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާ ބެހޭ އުސޫލުތަކާއި، އެނޫން ވެސް ބޭރު ފައިސާއާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގަން ބޭނުންވާ ކަމާ ބެހޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމް ކުރުމަށެވެ.