ޓެކްސް ނުދައްކާނަމަ، ނުވަތަ އެއްވެސް އެންގުމެއް އަދި ހުށަހަޅަން ޖެހޭ މައުލޫމާތެއް ހުށަނާޅައިފިނަމަ ގިނަވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ވެރިންނަށް ނުހައްގު މުއްސަނދިކަން ނުހޯދޭނެކަމަށް ރައްޔިތރުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި މި ބިލަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ މުއައްސަސާތަކުގެ ވެރިން އަދި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންވެސް ނުހައްގު މުއްސަނދިކަން ހޯދައި އެ މުއްސަނދިކަން ފަށަލަކޮށް ފޮރުވާ އާއިލާ މެންބަރުންގެ މައްޗަށްވެސް އެ މުއްސަނދިކަން ފަތުރާތަން ފެންނަ ކަމަށެވެ.
އެހެންކަމުން މާލީ ބަޔާން ހުށަހަޅަންވީ ގޮތާއި އެކަމުގެ ކަންތައްތައް މި ގާނޫނަށް ގެނެވޭ އިސްލާހުގެ ސަބަބުން ތައްޔާރުވެގެން ދިއުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
""އަޅުގަނޑުމެންނަށް މި ފެންނަނީ މިހާރު މުއައްސަސާތަކުގެ ވެރިން އަދި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންވެސް ނުހައްގު މުއްސަނދިކަން ހޯދައި އެ މުއްސަނދިކަން ފަށަލަކޮށް ފޮރުވާ އާއިލާ މެންބަރުންގެ މައްޗަށްވެސް އެ މުއްސަނދިކަން ފަތުރާތަން. މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން ހުށަހަޅަންވީ ގޮތާއި އެކަމުގެ ކަންތައްތައް މި ގާނޫނަށް ގެނެވޭ އިސްލާހުގެ ސަބަބުން ތައްޔާރުވެގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ދެކެނީ،" ނާޒިމް ވިދާޅުވި އެވެ.
މިއީ މިހާރުވެސް ގެންނަން ލަސްވެފައިވާ އިސްލާހެއްކަން ފާހަގަކުރައްވަމުން ނާޒިމް އިތުރަށް ވިދާޅުވީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބަލާ މައްސަލަތަކުގެ ތެރޭގައިވެސް ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް އެބަހުރިކަމަށާއި، މި ބިލާއެކު ޓެކްސް ދައްކާ ފަރާތްތަކަށްވެސް ވަރަށް ބޮޑު ލުޔެއް ލިބި، މީރާ އަށްވެސް ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި މި ބިލުގައިވާގޮތުން، ޓެކުހުގެ ބަޔާނުގައި ސައްހަނޫން މައުލޫމާތެއް ހިމަނާފައިވާ ނަމަ، ނުވަތަ އެ ބަޔާނުގައި ބައެއް މައުލޫމާތު އުނިކޮށްފައިވާ ނަމަ، ނުވަތަ މާލީ ހިސާބުތަކުގައި ވެސް ސައްހަ މައުލޫމާތު ހިމަނާފައިނުވާކަން ސާބިތުވެއްޖެ ނަމަ، އެކަން ކޮށްފައިވަނީ ޓެކްސް ދެއްކުމުން ރެކުމަށް ކަމުގައި ބެލެވޭނެ އެވެ.
އޭގެ ތެރޭގައި ޓެކުހާ ގުޅޭގޮތުން ހުށަހަޅަން ޖެހޭ އެއްވެސް މައުލޫމާތެއް ހުށަނާޅައިފިނަމަ އަދި އެކަމުގައި ޓެކުހާ ބެހޭ ކޮމިޝަނާ ޖެނެރަލަށް އެއްބާރުލުން ނުދިނުން ވެސް ހިމެނެ އެވެ.
އިސްލާހުގައިވާ ގޮތުން ޓެކްސް ބަޔާން ހުށަނާޅާ ކޮންމެ ދުވަހަކަށް 50 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެކަމަށާއި، ޓެކްސް ބަޔާން ހުށަނާޅައިފިނަމަ އަދަބެއްގެ ގޮތުން އެ ފަރާތެއް 250،000ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވި، ގޭ ބަންދުގެ ބަދަލުގައި އެ ފަރާތެއް އެއް މަހާއި ހަ މަހުގެ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.
މީގެ އިތުރުންވެސް ޓެކްސް ދައްކަންޖެހޭ ދުވަހުން ފެށިގެން ފާއިތުވާ ކޮންމެ ދުވަހަކަށް ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ އަދަދުގެ 0.05 ޕަސެންޓުގެ ބަދަލުގައި ގާނޫނު އިސްލާހުވެއްޖެ ނަމަ އެ އަދަދު 0.1 ޕަސެންޓަށް އިތުރުވެގެންދާއިރު، ޓެކްސް ދައްކާ ފަރާތުން މީރާއަށް ދީފައިވާ އެޑްރެހަށް، ނުވަތަ އީމެއިލް އެޑްރެހަށް، ނުވަތަ އޮންލައިން ޕޯޓަލަށް، ނުވަތަ މީރާގެ މުވައްޒަފަކު އެ ނޯޓިސް ހަވާލުކުރުމުން ނޯޓިސް ރައްދުވީ ކަމަށް ބެލެވޭނެ އެވެ.