ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު އަސްބާހު އަލީ ނަސީރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މިއަދު ބަދަލުކޮށްފިއެވެ.

އެ މަގާމަށް އަސްބާހު އައްޔަނުކުރިކަން ހާމަކޮށްފައި ވަނީ އެޗްޑީސީން ކުރި ޕޯސްޓެއްގައި އެވެ. އެ ޕޯސްޓުގައި ވަނީ އެ މަގާމަށް އަސްބާހު އަށް މަރުހަބާ ކިޔާފައެވެ. އަދި، އަސްބާހުގެ ލީޑާޝިޕްގެ ދަށުން އެ ކުންފުންޏަށް އިތުރު ކުރިއެރުންތައް ހޯދައިދޭނެ ކަމަށް އުންމީދުކުރާ ކަމަށް އެޗްޑީސީގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އަސްބާހު އައްޔަނުކުރީ އެ މަގާމު ފުރުއްވި ފަޔާޒް މަންސޫރު މިދިޔަ މަހުގެ 31 ގައި އިސްތިއުފާދެއްވުމުންނެވެ.

އަސްބާހު އާރްޑީސީއަށް އައްޔަނުކުރީ ޑިސެންބަރު 19، 2023 ގައެވެ. އެ މަގާމުން އޭނާ ވަކިވިކަން ހާމަކޮށް، ކުރި ޕޯސްޓެއްގައި އޭނާ ކޮށްދެއްވި ޚިދުމަތްތަކަށް އާރްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.

އަސްބާހު އެޗްޑީސީގެ ޑީއެމްޑީ އަކަށް ބަދަލުކުރެއްވި އިރު، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މި ފަހުން ވަނީ ބަދަލުކޮށްފައެވެ.

ޒުހައިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރީ އެ މަގާމު ފުރުއްވަމުން ގެންދެވި މުހައްމަދު މައުރޫފް ޖަމީލް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.