ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހައިހޫނުކަމުގައި އިތުރު ތިން މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި، ދެ ކުޑަކުދިން ހިމެނޭ ކަމަށ ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެފި އެވެ.

ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ބަނޑަށް ޖައްސައިގެން، ޔަހޫދީން ދަނީ ރާވައިގެން ގަޑުބަޑު އުފައްދައި ޤަތުލްޢާންމު ހިންގަމުންނެ އެވެ. އެގޮތުން އަދިވެސް ފުރަބަންދުކޮށްފައިވާ ޣައްޒާގައި ކާބޯތަކެތި ވަރަށް ތަދި ކަމަށް އެހީދޭ ޖަމްޢިއްޔާތަކުން ބުނެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ދެމެހެއްޓެނެވި ގޮތުގައި ޣައްޒާއަށް އެހީ ވެއްދޭނެކަމުގެ ޔަޤީންކަމެއް ނެތް އިރު، ޣައްޒާގައި ދިރިއުޅޭ ނިކަމެތި ރައްޔިތުން "ފުރާނަ އަތް މައްޗަށް ލައިގެން" ކާބޯތަކެތި ހޯދަން ނުކުތުން ނޫން ގޮތެއް ނެތް ކަމަށް އެހީ ދޭ ޖަމިއްޔާތަކުން ބުނެ އެވެ.

ވޭތުވެ ދިއަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން ތިން މީހަކު ހައިހޫނުކަމުގައި ޝަހީދުވެފައިވާއިރު، އެއާ އެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން، އެކަށީގެންވާ މިންވަރަށް ކާނާ ނުލިބި، ކާޑުބަލިޖެހިގެން ޝަހީދުވި މީހުންގެ އަދަދު 162 އަށް ވަނީ އަރާފަ އެވެ. އޭގެތެރޭގައި 92 ކުޑަކުދިން ހިމެނެއެވެ.

ޣައްޒާގައި އާއްމުވެގެންވާ ބަނޑުހައިހޫނުކަމެއް ފެތުރިފައިވާއިރު، އދ އިން ވެސް ވަނީ ބަނޑުހައިހޫނުކަމުގެ ނުރައްކާ ޚާއްޞަކޮށް ޣައްޒާގެ ކުޑަކުދިންނަށް ވަރަށް ބޮޑު ކަމަށް ފާހަގަކޮށްފައެެވެ. އެ އިދާރާއިން ދަނީ ޣައްޒާއަށް ހުއްޓުމެއްނެތި ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެކުރެވޭނެ މަގު ފަހިކޮށްދިނުމަށް ޔަހޫދީންނަށް ތަކުރާރުކޮށް ގޮވައިލަމުންނެވެ.

ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް އެ އިދާރާއާއި އިންސާނީ އެހީ ފޯރުކޮށްދޭ އެހެނިހެން އިދާރާތަކުން މަސައްކަތް ކުރި ނަމަވެސް އެ ކަމަށް ހުރަސް އަޅަނީ ޔަހޫދީން ކަމަށް އެ އިދާރާތަކުން ދަނީ ބުނަމުންނެވެ.

ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖައްސަމުންދާތީ ޔަހޫދީންނަށް ކުރިމަތިވަމުންދާ ބައިނަލްއަޤްވާމީ ފިއްތުންތަކުންގެ ސަބަބުން، ފާއިތުވި ހަފްތާއެއްހާ ދުވަހު ޔަހޫދީންނަށް ވަނީ ޣައްޒާއަށް ވައިގެ މަގުން ކާބޯތަކެތި އެތެރެކުރުމަށް ފުރުޞަތު ދިނުމަށް މަޖުބޫރުވެފައެވެ.

އެއާއެކު ޢަރަބި ޤައުމުތަކުން ވައިކުޑައިގެ ޒަރިއްޔާއިން ޣައްޒާއަށް ކާބޯތަކެތި އެޅި ނަމަވެސް އޭގެ ސަބަބުން ޣައްޒާގެ ޙާލަތަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ޣައްޒާއަށް އެ ގޮތަށް އެހީގެ ސާމާނު އެެތެރެކުރުަމަކީ ނުރައްކާތެރި، ޚަރަދުބޮޑު އަދި ނާކާމިޔާބު މަސައްކަތެެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ.