ވަރަށް ގިނަ ފަހަރު އަޅުގަނޑުމެނަށް ދިމާވާ ހާލަތެކެވެ. އާއްމުދަނީ ހޯދުމަށް ކުރާ މަސައްކަތުގައި މާ ބޮޑަށް ބިޒީވެ ދިރިއުޅުމުގެ އެހެން ކަންކަމަށް ވަގުތު ނުދެ ވެއެވެ. ގޭތެރޭގެ ކަންކަމާއި އާއިލާގެ ކަންކަން ފުރިހަމަ ނުކުރެވޭތާންގައި މަސައްކަތުގެ މާހައުލުގައިވެސް ރަނގަޅު ނަތީޖާ ނުނެރެވެ އެވެ.

ސަބަބަކަށް ވަނީ އެއްކަމަކަށް މީހާގެ ހުރިހާ ވަގުތެއް ހުސްކުރުމުގެ ސަބަބުން ދިރިއުޅުމުގެ މުހިއްމު އެތައް ކަމެއް ނުވުމުގެ މާޔޫސްކަމެވެ. އެފަދަ ހާލަތްތަކުގައި މީހާއަށް ވަރުބަލިކަން އިހުސާސްވެ ކަންބޮޑުވެ، މޫނުމަތިން އުފާވެރިކަން ގެއްލެ އެވެ.

ދިރިއުޅުމާއި މަސައްކަތް ބެލެންސް ކުރެވުމަކީ މި ދެކަމަށް ވެސް ހަމަހަމައަށް ވަގުތު ހޭދަކުރުމެވެ. އެކަމަކަށް ކަނޑައެޅިފައިވާ ވަގުތު އެކަމަކަށް ހާއްސަ ކުރުމެވެ. އެގޮތަށް މީހާގެ ޝެޑިއުލް ދާނަމަ ހިތްހަމަޖެހުން ލިބި ނަތީޖާ ނެރުމަށް ފަސޭހަވެ އެވެ. އެގޮތުން މަސައްކަތާއި ދިރިއުޅުން ބެލެންސްކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ.

އެކަމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކޮންމެ ކަމެއްގައި ވެސް ވަކި ބައުންޑަރީތަކެއް ކަނޑައެޅުމެވެ. މިސާލަކަށް މަސައްކަތަށް ކަނޑައަޅާފައިވާ ވަގުތުގައި ކުރަން ހުންނަ ކަންކަންކޮށް، ގަޑިއަށް ގެއަށް ދިއުމާއި އޭގެ ފަހުން އޮފީހާއި ގުޅުންހުރި އީމެއިލް އަދި މެސެޖްތައް ނުބެލުން ހިމެނެ އެވެ. ލިބޭ ހުސް ވަގުތުތަކުގައި އަރާމުކުރުމާއެކު އަމިއްލަ ނަފުސަށް ވަގުތު ހުސްކުރާށެވެ. އަދި އާއިލާއާއެކު އަގުހުރި ވަގުތު ހޭދަކުރަން އިސްކަން ދޭށެވެ. ގައިމު ވެސް ހަތަރު ގަޑިއިރު އިތުރުގަޑީގައި މަސައްކަތް ކޮށްގެން ލިބޭ 100 ވަރަކަށް ރުފިޔާއަށް ވުރެ އަގުހުރި ކަމަކަށް ވާނެ އެވެ.

ލިބޭ ހުސްވަގުތުގައި އަމިއްލަ އަށް ހިތްހަމަޖެހޭނެ ކަންކަން ކުރުމަށް ވިސްނާށެވެ. އެގޮތުން ކަސްރަތުކުރުމާއި ރަނގަޅު ކާނާ ކެއުން ހިމެނެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ދިރިއުޅުމުގެ އެހެން ކަންކަމާ ކުރިމަތިލުމަށް މުހިއްމު ކަމެކެވެ. އަދި ހަމަ ނިދި ލިބޭނެ ގޮތަށް ޝެޑިއުލް ބައްޓަން ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ބޭރަށް ގޮސް ރައްޓެހިންނާއެކު ވަގުތު ހޭދަކުރި ނަމަވެސް އަނެއް ދުވަހު މަސައްކަތައް ދާންވާއިރަށް ނިދި ހަމަވާ ވަރަށް ވަގުތުދީގެން ނިދަން އާދަކުރަން ވާނެ އެވެ.

ދިރިއުޅުމުގައި އާމްދަނީ ހޯދުމަކީ ހުރިހާ ކަމެއް ނޫނެވެ. ލޯބިވާ މީހުނާއެކު ހޭދަކުރާ ވަގުތާއި އަމިއްލަ ނަފުސަށް އަޅާލުމާއި ދިރިއުޅުމުގެ ކަންކަން ބޭނުންވާ ތަރުތީބުން ރަނގަޅަށް ކުރުމަކީ މުހިއްމު ކަންކަމެވެ. އެހެންކަމުން މި ދެކަންތައް ބެލެންސްކޮށްގެން މާޔޫސްކަމުން ދުރުކޮށް ކޮންމެ ދުވަހަކީ ހިތްހަމަޖެހޭ އުފާވެރި ދުވަހަކަށް ހެދުމުގެ އިހުތިޔާރު ވެސް އޮތީ އަޅުގަނޑުމެންގެ އަތުގަ އެވެ.