އައްޑޫ ސިޓީ ހަންކެނޑެ އަކީ ހަލާލު ޓޫރިޒަމަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ހަންކެނޑޭގައި ހަލާތު ޓޫރިޒަމް ތަރައްގީކުރުމުން ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރަން މަގު ފަހިވެގެން ދާނެ ކަމަށެވެ. އަދި އެ ތަނުގައި ތަރައްގީކުރާ ރިސޯޓުތަކުގެ ސަބަބުން ވަޒީފާ އުފެދި އިގުތިސޯދީ ދުވެލި ހަލުވިވެގެންދާނެ ކަމަަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގައި ހަންކެނޑެ ތަރައްގީކުރަން އިއުލާންކޮށް އެކަމަށް ބޭނުންވާ ފައިސާ ނިމިދިޔަ ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. ރައީސް ޑރ. މުހައްމަދު ވެރިކަމަށް ވަޑައިގެން މަޖިލިސް އިންތިހާބާ ދިމާކޮށް ހޯމް މިނިސްޓަރު އަލީ އިހްސާން ޝަރަފްވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި ވަނީ އެ މަޝްރޫއު ފެއްޓިކަން އިއުލާންކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އުފާފާޅުކުރުމުގެ ގޮތުން ހަވާ ވެސް އަރުވާފައިވެ އެވެ.

އެކަމަކު ފަހުން އެ ޕްރޮޖެކްޓަށްވީގޮތް ނޭނގި ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް، މުޅިން އާ މަޝްރޫއެއް ހަންކެނޑޭގައި ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.