ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ކޮލަމާފުށި، ދޮންވެލި، ޝިފާއުﷲ ސައީދު 44، އެވެ.
ފުލުހުން ބުނީ ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު އެ ރަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޝިފާއުﷲ ހައްޔަރުކުރީ އާރްޓީއެލް ފެރީން އެ ރަށަށް މަސްތުވާތަކެތި ގެންދިޔުމުން ކަމަށެވެ.
އާރްޓީއެލް ފެރީން ކޮލަމާފުއްޓަށް އައުމުން އޭނާ ބަލައި ފާސްކުރިއިރު، އޭނާގެ ގެނައި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގައި ޝިފާއުﷲ ހުއްޓުވަން އުޅުމުން މަޑުނުކޮށް ސައިކަލަށް އަރައިގެން ދާން އުޅުމުގެ ތެރޭގައި ވެއްޓި ކަނާތު ކަކުލާއި އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޯޓުން ވަނީ އޭނާގެ ބަންދަށް 11 ދުވަސް ޖަހާފަ އެވެ.