މާދަމާ ރިލީޒްކުރަން ހަމަޖެހިފައިވާ ދިލްޖީތު ދޯސަންޖްގެ ފިލްމު "ސަރުދާރްޖީ 3"އާއެކު ބޮލީވުޑް ހިމެނޭހެން އިންޑިއާގައި އޭނާ ކުރާ މަސައްކަތްތައް ބޮއިކޮޓް ކުރަން ގޮވާލާ ގޮވުމުގެ އަޑުތައް ގަދަވެއްޖެ އެވެ.

ދިލްޖީތު ބޮއިކޮޓް ކުރަން ގިނަ ބަޔަކު ގޮވާލަމުން ދަނީ އިންޑިއާއާއި ޕާކިސްތާނުގެ މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި އޭނާގެ ފިލްމު "ސަރުދާރްޖީ 3"ގައި ޕާކިސްތާނުގެ އެކްޓަރެއް ކަމަށްވާ ހާނިއާ އާމިރު ބައިވެރި ކުރުމުންނެވެ.

"ސަރުދާރްޖީ 3"ގެ ޓްރެއިލާ ނެރެ އެ ފިލްމުގެ ޕްރޮމޯޝަންތަކުގައި ދިލްޖީތުއާއެކު ހާނިއާ ވެސް ފެންނަމުންދާތީ އާއްމުންގެ ރުޅިގަނޑު ވަނީ އިންތިހާއަށް ގަދަވެފަ އެވެ.

މިއާއެކު އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާގެ ޖަމިއްޔާއެއް ކަމަށްވާ ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނޭ އެމްޕްލޯއީސްއިން ވަނީ ދިލްޖީތު ބޮއިކޮޓް ކުރަން ގޮވާލާފަ އެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހާނިއާއާއެކު މަސައްކަތް ކޮށް ދިލްޖީތު ވަނީ އިންޑިއާގެ ރައްޔިތުންގެ އިހުސާސްތަކަށް ބޭއިހުތިރާމް ކޮށްފައި ކަމަށެވެ.

އެހެން ކަމުން ކޮންސެޓުތަކާއި ފިލްމުތައް ހިމެނޭހެން އިންޑިއާގައި ދިލްޖީތު ކުރާ ހުރިހާ މަސައްކަތެއް ބޮއިކޮޓް ކުރަންޖެހޭ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

"ސަރުދާރްޖީ 3"އަކަށް އަމާޒުވަމުންދާ ނަފްރަތާއެކު ވެސް ފިލްމު އަޅުވަން ޕްރޮޑިއުސަރުން ނިންމާފައިވާއިރު ފިލްމުގައި ހާނިއާ ހިއްސާކުރުމަކީ އުފެއްދުންތެރިކަމުގެ ސަބަބުތަކަށްޓަކައި ނިންމި ނިންމުމެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

އިންޑިއާގެ ޕަހަލްގަމްއަށް ޕާކިސްތާނުގެ ބަޔަކު ދިން ޓެރަރިސްޓް ހަމަލާއާއެކު ބޮލީވުޑްގައި މަސައްކަތްކުރާ ޕާކިސްތާނުގެ އެކްޓަރުންނަށް ވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.

އެގޮތުން ބޮލީވުޑްގައި ޕާކިސްތާނުގެ އެކްޓަރުންގެ މަސައްކަތްތައް ގެއްލި ބައެއް ތަރިން އެނބުރި ޕާކިސްތާނަށް ދާން ޖެހުނުކަން ވެސް ފާހަގަ ކޮށްލެވެ އެވެ.