ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ބޮޑު ސިންގާ ސްކޭމް ސަރުކާރެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުންނަށް މަރުހަބާ ދެންނެވުމަށް މިރޭ ސަލްޓަންޕާކްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ލޯމަރައިގެން ތިބެވޭކަށް ނެތް ކަމަށާއި ކުރިމަތީގައި މިއޮތީ ސްކޭމް ސަރުކާރެއް ކަމަށެވެ.
"އަޅުގަނޑުމެން ކުރިމަތީގައި މިއަދު މިއޮތީ ލޯ މަރާލައިގެން، ކަންފަތުން އަޑު ނީވޭ ކަމަށް ހަދައިގެން ތިބޭވޭނެ މަންޒަރެއް ނޫން. އަޅުގަނޑުމެން ކުރިމަތީގައި މިއޮތީ ބޮޑު ސްކޭމް ސަރުކާރެއް. ބޮޑު ސިންގާ ސްކޭމް ސަރުކާރެއް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތާއި ޑޮލަރުގެ މައްސަލަ އާއި ރަސްމާލެ އާއި ބިއްލޫރި ޓަނަލް އޭ ކިޔައިގެން މި ސަރުކާރުން ހިންގީ ސްކޭމް ކަމަށެވެ.
މި ސަރުކާރުން ކަންތައްތައް ކުރަނީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާސަންދައިގެ ހިދުމަތް ފުރިހަމައަށް ނުލިބޭއިރު، ބޭސް ފިހާރަތަކުން ބޭނުންވާ ބޭސްތައް ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ރަށްތަސކުގައި ފެށި ތަރައްގީގެ ހުރިހާ މަޝްރޫއެއް ހުއްޓާލާފައިވާއިރު، އަމިއްލަ ވިޔަފާރި ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ވެސް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.