ގުޅުންތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަމިއްލަ ފަރާތުން ކަންކަން އިސްލާހުކޮށް، ކުރިއަށް ދިއުމަކީ ގުޅުމެއް ކުރިއަށް ގެންދިއުމަށް ވަރަށް މުހިންމު ކަމެކެވެ.
މިކަމަށް ތާއީދުކުރައްވާ ގުޅުންތަކުގެ ތަޖުރިބާކާރު ޖެފް ގުއެންތާ ވަނީ ގުޅުމެއްގެ ތެރޭގައި ތިބާއަކީ މައްސަލަ ޖެހޭ ފަރާތްކަން އަންގައިދޭ ހަތަރު ސިފައެއް ހިއްސާކުރައްވާފަ އެވެ.
1. ތެދުވެރިވުމުގައި މާބޮޑަށް ހައްދުފަހަނަ އަޅައިދިއުން:
އެއްވެސް އިހުސާސީ ކޮންޓްރޯލެއް ނެތި ހިތަށް އެރި އެއްޗެއް ސީދާ ބުނުމެއް ކަމަށް ތިބާ ހަދާނަމަ މިއީ ގުޅުންތަކަށް ގެއްލުންދޭ ކަމެކެވެ. މިއީ ހިތްވަރުގަދަ ކަމެއް ނޫން ނަމަވެސް އަނިޔާވެރި ގޮތެކެވެ.
2. އަބަދުވެސް 'ބޮޑާ މީހާ' އަށް ވުން:
އަބަދުވެސް 'ބޮޑާ މީހާ' އަށް ވުމަށް މަސައްކަތްކޮށް، ދަތި ވާހަކަތަކުން ދުރުހެލިވެ، ބޭނުންތައް ފިއްތައިގެން ތިބާ އުޅޭނަމަ މިއީ މައްސަލައެކެވެ. މިއީ އިހުސާސީ ގޮތުން ފުރިހަމަވުމެއް ނޫނެވެ.
3. ޕެސިވް އެގްރެސިވް' ގޮތްތަކަށް އުޅުން:
ހިމޭންވެ ފަސްޖެހި، މައްސަލައެއް ނެތްހެން ހަދައިގެން ތިބާގެ ބައިވެރިޔާގެ ސަމާލުކަން ހޯދަން އުޅުން މިއީ އިހުސާސީ ގޭމް ކުޅުމެކެވެ. ބޭނުންވާ އެއްޗެއް ސީދާ ބުނުމަކީ މުހިންމު ކަމެއް ކަމަށް ޖެފް ފާހަގަކުރެ އެވެ.
4. ފަހަރެއް ދިނުން ކަމަށް ހީކުރުން:
ތިބާގެ ބައިވެރިޔާއާ ގުޅުމަކީ ތިބާ އެމީހުންނަށް ދެމުންދާ ފަހަރެއް ނުވަތަ ޗާންސެއް ކަމަށް ތިބާ ގަބޫލުކުރާނަމަ، މިއީ ގުޅުންތައް ދުރުވެ، ހިތްހަމަނުޖެހުން އުފައްދާ ކަމެކެވެ. އަމިއްލަ ނަފްސު މާ މަތީ ދަރަޖައެއްގައި ބެހެއްޓުމުން ގުޅުންތައް ހީނަރުވެ އެވެ.
ޖެފް ގުއެންތާ ހާމަކުރައްވާ ގޮތުގައި މި ކަންތައްތަކަކީ ގުޅުންތަކަށް ނުރަނގަޅު އަސަރުތަކެއް ކުރާ ކަންކަމެވެ. ގުޅުންތަކުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ގުޅުންތައް ބަދަހިކުރުމަށް އަމިއްލަ ނަފްސުގެ ކުށްތައް ދެނެގަނެ ރަނގަޅުކުރުމަކީ މުހިންމު ކަމެކެވެ.