މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ޕޭމެންޓް މޯލްޑިވްސް" ގެ ނަމުގައި އައު ކުންފުންޏެއް އުފެއްދުމަށް ނިންމައިފި އެވެ.
މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޕޭމެންޓް ނިޒާމު އިތުރަށް ތަރައްގީކޮށް، ފުޅާކުރުމެވެ.
ރާއްޖޭގެ ވިޔަފާރިވެރިންނަށް އޮންލައިން ޕޭމަންޓް ނިޒާމެއް ހަޖައްސައިދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވެ އެވެ. މިގޮތުން، މާލިއްޔަތު ކޮމިޓީން އެމްއެމްއޭއަށް ސިޓީއެއް ފޮނުވާފައިވާއިރު، ސިޓީގެ ޖަވާބުގައި، ރާއްޖޭގެ ޕޭމަންޓް ނިޒާމު ރަނގަޅުކޮށް ބޮޑުކުރަން ވަރަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
އެމްއެމްއޭއިން ބުނިގޮތުން މި އައު ކުންފުނިން "ފަވަރަ" ފަދަ ރީޓެއިލް ޕޭމެންޓް ސިސްޓަމްތައް ހިންގުމާއި ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ. އަދި މި ކުންފުނި ހިންގާނީ އެމްއެމްއޭގެ މަސްއޫލިއްޔަތުތަކާ ވަކިން، އަމިއްލަ މެނޭޖްމަންޓެއްގެ ދަށުންނެވެ.
މީގެ އިތުރުން، އެމްއެމްއޭއިން ވަނީ އިންޑިއާގެ ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސްއާ ފަވަރަ ގުޅުވާލުމުގެ މަޝްވަރާތައް ފަށާފަ އެވެ. މި ގުޅުން ގާއިމުކުރެވުމުން، އިންޑިއާއަށް ފައިސާ ފޮނުވުމާއި އެހެނިހެން މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ އެވެ.