ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އަށް މިދިޔަ އަހަރު ވެސް ގެއްލުންވެފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އައިލެންޑް އޭވިއޭޝަންގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.27 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މިގޮތުން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުން އައިއޭއެސް އަށް މިދިޔަ އަހަރު ލިބިފައިވާ 1.6 ބިލިއަން ރުފިޔާ އަކީ، ޖުމްލަ އާމްދަނީގެ 75 ޕަސެންޓު ކަމަށް އޮޑިޓު ރިޕޯޓުގައިވެ އެވެ.
އާމްދަނީން ހިންގުމުގެ ހަރަދު ކެނޑުމުން އައިއޭއެސް އަށް ހިންގުމުގެ ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ 171 މިލިއަން ރުފިޔާ އެވެ. އެހެންނަމަވެސް، އެ ކުންފުނީގެ ފައިނޭންސިން ހަރަދާއި ޓެކްސް އަށް ދެއްކި ފައިސާ ކެނޑުމުން 2.82 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފަ އެވެ.
2014 ވަނަ އަހަރުން ފެށިގެން ފައިދާގައި ހިންގަމުން އައި އައިއެސްއަށް ކޮވިޑު-19ގެ ބަލިމަޑުކަމާ ގުޅިގެން ފާއިތުވެދިޔަ 5 އަހަރުވެސް ވަނީ ގެއްލުން ވެފަ އެވެ.
މިގޮތުން 2023 ވަނަ އަހަރު އެ ކުންފުންޏަށް 71.4 މިލިއަން ރުފިޔާގެ ގެއްލުމެއްވި އެވެ.
އެހެންނަމަވެސް، އައިއޭއެސް އިން ވަނީ އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ އަދަދު މިދިޔަ އަހަރު ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. މިގޮތުން އައިއޭއެސްއިން ވަނީ އެ ކުންފުނީގެ ވިޔަފާރިތައް ފުޅާކޮށް، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށައިފަ އެވެ.
އޭގެ ތެރޭގައި މޯލްޑިވިއަނަށް އަލަށް އިތުރު ކުރި ވައިޑް-ބޮޑީ މަތިންދާބޯޓު ވެސް ހިމެނޭއިރު، އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ޑޭޝް-8 މަރުކާގެ މަތިންދާބޯޓުތައް ބާވުމުން ފަހުގެ އޭޓީއާރު މަރުކާގެ ބޯޓުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް އައިއޭއެސް އިން އަންނަނީ ކުރަމުންނެވެ.