ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ބޮލީވުޑް ސުޕަސްޓާ އަދި ލައިފްސްޓައިލް އައިކަންއެއް ކަމަށްވާ ކެޓްރީނާ ކައިފް ހަމަޖައްސައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަދު ބުނީ ވިޒިޓް މޯލްޑިވްސްގެ ހާއްސަ "ސަމާ ސޭލް" ކެމްޕެއިން ފެށިތާ މާގިނަ ދުވަސްތަކެއް ނުވެ އިއުލާނުކޮށްފައިވާ މި ޕާޓްނާޝިޕްގެ މަގްސަދަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ކަނޑުގެ ހިތްގައިމު ދިރުންތަކާއި، ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރުމަށް ދުނިޔޭގެ ގިނަ ފަތުރުވެރިންނަށް ހިތްވަރު ދިނުން ކަމަށެވެ.
ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަންނާނެއް އަދި އެވޯޑް ހާސިލްކޮށްފައިވާ ވިޔަފާރިވެރިއެއް ކަމަށްވާ ކެޓްރީނާ ކައިފަކީ ބްލޮކްބަސްޓާ ފިލްމުތަކުގެ މަޝްހޫރު ޕޯޓްފޯލިއޯއަކާއި ޝަރަފުވެރި ގިނަ އެވޯޑްތަކެއް ހޯދާފައިވާ ފަރާތެކެވެ.
އޭނާ އިންޑިއާގެ ސިނަމާއަށް ކޮށްދީފައިވާ ހިދުމަތްތަކަކީ ވަރަށް ފުރިހަމަ ހިދުމަތްތަކެކެވެ. އޮން ސްކްރީން ކާމިޔާބީތަކުގެ އިތުރުން، ވިޔަފާރީގައި އަންހެނުންގެ ދައުރު ކަނޑައެޅުމުގެ ގޮތުން އޭނާ ވަނީ ވިޔަފާރިވެރިކަމުގެ ހުނަރު ދައްކައިފަ އެވެ.
ފޯބްސް އައިކަން އޮފް އެކްސެލެންސްގެ ޝަރަފު ހާސިލްކޮށްފައިވާ ކެޓްރީނާ ވަނީ ވިޔަފާރި އާއި މުނިފޫހިފިލުވުމުގެ ގުޅުމުގައި އޭނާއަކީ ލީޑިން ވޮއިސްއެއްކަން ސާބިތުކޮށްދީފަ އެވެ.
ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރުގެ ހައިސިއްޔަތުން، ކެޓްރީނާ ބުނީ ދިވެހިރާއްޖެއަކީ ނަލަކަމާއި ހަމަހިމޭންކަމާ ގުޅިފައިވާ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއްކަމަށާއި ސަނީ ސައިޑް އޮފް ލައިފްގެ އެމްބެސަޑަރަކަށް ހޮވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
މި ޕާޓްނާޝިޕްގެ މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ދަތުރުފަތުރުގެ އެންމެ ފުރިހަމަ ތަޖުރިބާތައް ލިބެނީ ރާއްޖެއިންކަން ދައްކުވައިދިނުން ކަމަށް ކެޓްރީނާ ވަނީ ބުނެފަ އެވެ.
މި ޕާޓްނާޝިޕާއި ގުޅިގެން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވަނީ މި މަގާމަށް ކެޓްރީނާ ފަދަ ނުފޫޒުގަދަ ބޭފުޅެއް ހަމަޖެއްސުމާ މެދު އުފާކުރައްވާ ގްލޯބަަލް ބްރޭންޑް އެމްބެސެޑަރު ކެޓްރީނާއަށް މަރުހަބާ ކިޔާފަ އެވެ.
ޝިއުރީ ވިދާޅުވީ ދުނިޔޭގެ މުހިންމު މާކެޓުތަކުގައި ސަމާ ސޭލް ޕްރޮމޯޝަން ފަށައިގަންނައިރު، ކެޓްރީނާގެ ހިތްގައިމު ކެރެކްޓާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލުންތެރިންނާ ގެންގުޅޭ ގާތް ގުޅުމުގެ ސަބަބުން ސަނީ ސައިޑް އޮފް ލައިފްއަށް ވަރަށް އެކަށީގެންވާ، ނަމޫނާ އެމްބެސެޑަރެއްކަން ޔަގީންވާ ކަމަށެވެ.
"ޚާއްސަކޮށް، ދުނިޔޭގެ މުހިންމު މާކެޓުތަކުގައި އަޅުގަނޑުމެންގެ ސަމާ ސޭލް ޕްރޮމޯޝަން ފަށައިގަންނައިރު، ކެޓްރީނާގެ ހިތްގައިމު ކެރެކްޓާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލުންތެރިންނާ ގެންގުޅޭ ގާތް ގުޅުމުގެ ސަބަބުން އޭނާއަކީ ފާއިތުވި ފަސް އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން ކަމަށްވާ ސަނީ ސައިޑް އޮފް ލައިފްއަށް ވަރަށް އެކަށީގެންވާ، ނަމޫނާ އެމްބެސެޑަރެއްކަން ޔަގީން،" ޝިއުރީ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީން ބުނިގޮތުގައި ސަމާ ސޭލް ކެމްޕެއިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަގްޒަރީ ރިސޯޓްތަކާއި ބުޓިކް ގެސްޓްހައުސްތަކާއި އާއިތަކަށް އެންމެ ރަނގަޅު އެކޮމޮޑޭޝަންތަކުގައި އެކްސްކްލޫސިވް އޮފާތަކާއި އަގުހުރި ޑީލްތައް ދައްކާލާއިރު، އިނގިރޭސިވިލާތް، ރަޝިއާ އަދި ސީއައިއެސް، ޑީއޭސީއެޗް ސަރަހައްދު، އިޓަލީ، ޕޮލެންޑް، ސްޕެއިން އަދި އިންޑިއާ ފަދަ ދުނިޔޭގެ ބޮޑެތި މާކެޓްތަކުގައި މި ކެންޕޭން ކުރިއަށްދާނެ އެވެ.
ހޫނު މޫސުމުގައި ދަތުރުކުރުމަށް ބޭނުންވާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ ތަފާތު އަދި ޒަމާނީ ހަރަކާތްތައް އެކުލެވޭ މި ކެންޕޭންގެ މަގުސަދުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ ޑެސްޓިނޭޝަން ޕްރެޒެންސް އިތުރަށް ހަރުދަނާކޮށް، 2025 ވަނަ އަހަރުގެ ހޫނު މޫސުމާއި އޭގެ ފަހުންވެސް ބުކިންތައް އިތުރުކުރުމަށް ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލުން ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.