ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި އިޓަލީ އިން ފެށިގެން ޣައްޒާއަށް ކަނޑުމަގުން އެކްޓިވިސްޓުންތަކެއް ދަތުރުކުރަމުންދާކަމަށް ޖަމިއްޔާ އެއްކަމަށްވާ ފްރީޑަމް ފްލޮޓިލާ ކޯލިޝަން (އެފްއެފްސީ) އިން ބުނެފި އެވެ.

މީގެ ކުރިންވެސް ކަނޑުމަގުން އެމީހުން އެހީ ފޯރުކޮށްދޭން މަސައްކަތް ކުރިއިރު އޭރު ވަނީ ޑްރޯން އިން ޔަހޫދީން ހަމަލާދީ އެމީހުންގެ މަސައްކަތް ނާކާމިޔާބު ކޮށްލާފަ އެވެ.

އެހެން ނަމަވެސް އޭގެ ފަހުން އަނެއްކާ ވެސް އެމީހުން އިންސާނީ އެހީ އާއެކު "މެޑްލީން" ނަމަކަށް ކިޔާ އުޅަނދެއްގައި ޣައްޒާއަށް ދިއުމަށް ދަތުރެއް ފަށާފައިވާއިރު، ލަފާ ކުރެވޭ ގޮތުގައި އެމީހުންނަށް ޣައްޒާ އަށް ދެވޭނީ މިމަހުގެ 7 ވަނަ ދުވަހު އެވެ.

ޖުމްލަ 12 އެކްޓިވިސްޓުން ހިމެނޭ މި ކްރޫގައި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ވަކާލާތު ކުރާ 22 އަހަރުގެ ގްރެޓާ ތަމްބާގް އާއި ޔޫރަޕުގެ ޕާލަމެންޓް ގެ މެންބަރު، ފަލަސްތީނުގެ ދަރިފަސްކޮޅަށް ނިސްބަތްވާ ރިމާ ހަސަން ވެސް ހިމެނެ އެވެ.

މި ދަތުރަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން ގްރެޓާ ބުނީ އެމީހުން ގެންދާ އެހީ އަކީ އެކަށީގެންވާ އަދަދަށް ނުވި ނަމަވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ކިތަންމެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެކަމެއް ހާސިލުކުރަން މަސައްކަތް ހުއްޓާލާ ހިސާބުން އިންސާނިއްޔަތުކަމަށް އޮންނަ އުންމީދު ގެއްލޭނެ ކަމަށް ވެސް ތަމްބާގް ބުންޏެވެ.

މި ދަތުރުގައި ހިމެނޭ އެކްޓވިސްޓެއް ކަމަށްވާ ޔަސްމީން އެކާ ބުނީ އެމީހުން މިހާރު ތިބީ ސީރިއާ އާއި ޕާކިސްތާނާއި މިސްރުން 600 އަށް ވުރެ ގިނަ މީހުން މަރުވި ސަރަހައްދެއްކަމަށްވާ ޕައިލޮސް ޝިޕްރެކް ކައިރީ ކަމަށެވެ.

ދަތުރުގެ އެހާހިސާބަށް އައިރު އެ ބޯޓުގެ މަތިން ދުވާލުގެ އިތުރުން، ރޭގަނޑުވެސް ޑްރޯންތައް ދަތުރުކުރާކަމަށް ކްރޫއިން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން ޔަހޫދީ ދައުލަތުން ވަނީ އެމީހުންނަށް އެކަށީގެންވާ ގޮތުގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.