ހައްޖުގެ މަތިވެރި އަޅުކަމަކީ އިސްލާމްކަމުގެ އެންމެ މުހިއްމު އެއް ރުކުނަށްވާއިރު އުމުރުން އެއްފަހަރު ނަމަވެސް އެ މަތިވެރި އަޅުކަމުގައި ބައިވެރިވުމަކީ ހަމަ ކޮންމެ މުސްލިމެއްގެ ވެސް ހުވަފެނެކެވެ.
އެއާއެކު މުޅި ހަޔާތުގައި އެއްކުރި ފައިސާއިން ހައްޖުގެ އަޅުކަމަށް ފައިސާ ހަމަކުރާ މުސްލިމުން ވެސް މަދެއް ނޫނެވެ. ޒުވާން އުމުރު ގައިބާރު ހުއްޓައި އެ މަތިވެރި އަޅުކަން އަދާކުރުމުގެ އުއްމީދުގަ އެވެ.
އެހެން ނަމަވެސް އިންޑޮނީޝިއާގެ މުސްލިމުންނަށް މިއީ މިއަދު އުނދަގޫ ކަމަކަށް ވަނީ ވެފަ އެވެ. އެ ގައުމުގެ ބައެއް މުސްލިމުން ހައްޖަށް ފައިސާ ދެއްކުމަށްފަހު ވެސް 40 އަހަރު ދުވަހު އިންތިޒާރުގައި ހުންނަން ޖެހެ އެވެ.
އަހަރަކު 220،000 މީހުންގެ ހައްޖު ކޯޓާ ލިބޭ އިންޑޮނޭޝިއާއަކީ އެއްގައުމަކަށް އެންމެ ގިނައިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ލިބޭ ގައުމެވެ.
އެހެން ނަމަވެސް އެގައުމުން ލިބޭ ޑިމާންޑްއާ ބަލާއިރު މިއީ ވަރަށް ކުޑަ އަދަދެއް ކަމަށާއި ނަތީޖާއެއްގެ ގޮތުން ގިނަ ބަޔަކަށް ދިގު އިންތިޒާރެއް ކުރަންޖެހޭ ކަމަށް އެގައުމުގެ އިދާރާތަކުން ބުނެ އެވެ.
އިންޑޮނޭޝިއާގެ ހަބަރުތައް ބުނާ ގޮތުގައި މިހާރު އެގައުމުން ހައްޖަށް ދިއުމަށް ފައިސާ ދެއްކުމަށްފަހު ކިއުގައި 5.5 މިލިއަން މީހުން އެބަތިއްބެވެ. އެހެން ކަމުން އެ މީހުންނަށް ހައްޖުވާން ފުރުސަތު ލިބުމުގައި 20 އަހަރާއި 40 އަހަރުގެ މުއްދަތެއް ވާނެ ކަމަށް ބެލެވެ އެވެ.
ދިވެހި ރާއްޖެއަށް ވެސް އަހަރަކު ލިބެނީ 1000 މީހުންގެ ކޯޓާއަށް ވާއިރު މިވަގުތު ރާއްޖޭގައި ވެސް 10،000 މީހުން ހައްޖަށް ދާން ފައިސާ ދައްކާފައިވެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނާ ގޮތުގައި މިހާރު ނަންނޯޓު ކުރަމުން ދަނީ 2037 ވަނަ އަހަރަށެވެ. އެހެން ކަމުން އަލަށް ރަޖިސްޓްރީވާ ދިވެހިންނަށް ވެސް ހައްޖުގެ އަޅުކަމަށް 11 އަހަރުގެ އިންތިޒާރެއް ކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ.