މާލެއާ މާލެ ކައިރި ހުރިހާ ސަރަހައްދަކުން ކުއްލިއަކަށް ކަރަންޓު ކެނޑިޖެ އެވެ.
އެގޮތުން މާލެ، ހުޅުމާލެ، ވިލިނގިލި އަދި ހުޅުލެ ހިމެނޭ ގޮތަށް މުޅި މާލެ ސަރަހައްދުން ކަރަންޓު ވަނީ ކެނޑިފަ އެވެ.
ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލަ ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އަދި މި މައްސަލަ ހައްލުކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ކަރަންޓު ކެނޑިފައިވާ ކަމަށް އެމްއޭސީއެލްއިން ހާމަކޮށްފައިވެ އެވެ.
މުޅި މާލެއިން ކަރަންޓް ކެނޑުމާއި ގުޅިގެން ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފަ ވާނެކަމަށެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް ރައީސް ވިދާޅުވި އެެވެ.
ސްޓެލްކޯއިން ބުނީ މީ ޓޯޓަލް ބްލެކްއައުޓަކަށް ވާތީ ގްރޭޓާ މާލެ ގްރިޑް އަލުން އެނާޖައިޒްކުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޗެކަޕްތައް ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ. "ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެ އާއި ހުޅުމާލެ ޖެންސެޓްތައް އެނާޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ،" ސްޓެލްކޯއިން ބުންޏެވެ.
މި މައްސަލައިގެ ސަބަބުން ދިމާވާ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.