ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބަހުސްކުރުމަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 1:30 ގަ އެވެ. މިއީ ޗުއްޓީއަށް ދިއުމުގެ ކުރިން ބާއްވާ އެންމެ ފަހު ޖަލްސާ އެވެ.
މި މައްސަލަ ހުށަހަޅާފައި ވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީންނެވެ. އެމްޑީޕީން މި މައްސަލަ ހުށަހެޅީ، މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓި ޒަހަމްވި މައްސަލައިގެ ތަހުގީގަށް މިނިސްޓަރު އަމީން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި މިނިސްޓަރު އަމީންގެ އާއިލީ ގުޅުން ހުރި ދެ މީހަކު ހިމެނޭ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އަދި މައްސަލައާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ މަޢުލޫމާތުތަކުން މިނިސްޓަރު އަމީން ދިރިއުޅުއްވާ ގޭގައި މި ހާދިސާއާ ގުޅުންހުރި ކަންތައްތަކެއް ހިނގާފައިވާކަން އެނގޭ ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވެ އެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި މިނިސްޓަރު އަމީން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަސްލަހަތު ކުރިއެރުވުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އޭނާ މިނިސްޓަރުކަމުގައި އިތުރަށް ބެހެއްޓުމަކީ އާންމުންގެ ހައްގުތަކަށާއި ޤައުމުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ރާއްޖޭގެ އެންމެންނަށްވެސް އެގޭ އިތުބާރު އޮތްވަރު!!!!!!
ރިޕްލައި