އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ނެޝަނަލް ޑްރަގް އެޖެންސީ އަށް ބަދަލު ކުރަން ނިންމައިފި އެވެ.

ރިޔާޒް ޑްރަގް އޭޖެންސީއަށް ބަދަލުކުރަން ނިންމީ މިހާރުވެސް ލިބޭ މުސާރައާއި އިނާޔަތްތައް ވެސް މަދުނުކޮށް ލިބޭ ގޮތަށެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ރިޔާޒް ޑްރަގް އޭޖެންސީއަށް ބަދަލުކުރަން ނިންމާފައި ވީނަމަވެސް މިހާތަނަށް އައިއިރު އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ނުވެ އެވެ. ނަމަވެސް އޭނާ ހުރީ ފުލުހުންގެ މުހިންމު މަސައްކަތްތަކުން އެކަހެރިކޮށްފަ އެވެ.

ރިޔާޒް ޒިންމާތަކުން އެކަހެރިކޮށް ޑްރަގް އޭޖެންސީއަށް ބަދަލުކުރަން ނިންމާފައިވާއިރު، މި ސަރުކާރު ވެރިކަމަށް އައިއިރު އޭނާ ހުރީ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުގެ އިސް ވެރިޔާގެ ގޮތުގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެންޑީއޭއަށް ބަދަލުކުރަން ނިންމީ ސެކަންޑްމަންޓް އުސޫލުގެ ދަށުންނެވެ. އަދި އެއީ ދެ އަހަރުގެ މުއްދަތަކަށެވެ. އެންޑީއޭއަކީ ވެސް ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ.

އެންޑީއޭއަށް ރިޔާޒް ބަދަލުކުރި އިރު، މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމުގެ ޝަކުވާތަކެއް އަންނަނީ ކުރަމުންނެވެ.

އެސިސްޓަންޓު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ރިޔާޒް އައްޔަންކޮށްފައި ވަނީ މާޗް، 2019، ގަ އެވެ. އެ މަގާމަށް ރިޔާޒް އައްޔަން ކުރީ ފުލުހުންގެ ވަޒީފާ އިއާދަކޮށްދިނުމަށްފަހުގައެވެ. އޭނާ ފުލުހުންގެ ވަޒީފާއިން ވަކި ކުރީ ސެޕްޓެމްބަރު، 2017، ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.