އިންޑިއާ އާއި ޕާކިސްތާނާ ދެމެެދު ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓާލުމަށް އިއްޔެ ނިންމުމާ ގުޅިގެން ރާއްޖެއިން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވަނީ ޕާކިސްތާނާއި އިންޑިއާ އިން އަމާންކަން ޚިޔާރުކޮށް މައްސަލަ ހައްލުކުރަން ނިންމުމުން ތައުރީފުކުރައްވާފަ އެވެ. އަދި މިއީ ސަރަހައްދީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ހަލީލް ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅިގެން ދެ ގައުމަށް ވެސް މަރުޙަބާ ވިދާޅުވެފަ އެވެ.
އެ ހަމަލާތައް ފެށިފައިވަނީ ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ އާންމުންގެ ބަޔަކު މިދިޔަ މަހުގެ ފަހުކޮޅު މަރާލި ހާދިސާގެ ޒިންމާ ޕާކިސްތާނުން ނަގަންޖެހޭނެ ކަމަށް ބުނެ އިންޑިއާއިން އިސްވެ ޕާކިސްތާނާއި ކަޝްމީރަށް ހަމަލާ ދޭން ފެށުމުންނެވެ. އެއީ ޓެރަރިސްޓުންގެ މަރުކަޒުތަކަށް ދިން ހަމަލާތަކެއް ކަމަށް އިންޑިއާއިން ބުނި ނަމަވެސް ޕާކިސްތާނުން ބުނަމުންދަނީ ހަމަލާތަކުގައި މަރުވީ ކުށެއް ނެތް އާންމުން ކަމަށެވެ.
އެމެރިކާ މެދުވެރިއަކަށްވެގެން އިންޑިއާ އާއި ޕާކިސްތާނާއެކު ކުރި މަޝްވަރާތަކަށް ފަހު ދެ ގައުމުން ވެސް ވަގުތުން ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވިކަން އިއުލާންކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.
ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބަދަލު ކުރަމުންދިޔަ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ދުނިޔޭގެ ބާރުތަކުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އަދި ހަމަލާ ބަދަލުކުރުން މެދުކަނޑައިލައި، މަޝްވަރާއާއި ސުލްހަ އިސް ކުރުމަށް ބާރު އަޅަމުންދިޔައީ އެމެރިކާއާއި ޗައިނާ ފަދަ ގައުމުތަކުންނެވެ.
މިދިޔަ ބުދަ ދުވަހު އިންޑިއާއިން ހަމަލާދޭން ފެށުމާ އެކު މަސްރަހު ހޫނުވެ ރައްދު ދޭން ފެށިފަހުން މިހާތަނަށް ދެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 60 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
އީރާނަށް އިތުރު ފުރުސަތެއް ދިނުމަށް ގަލްފްގެ 3 ގައުމަކުން އެދުނު
ދިރާގު "ވިން 2 ސްޕީޑްބޯޓްގެ" ނަސީބުވެރިޔާ ހޮވައިފި
އާޓާމިނަލް ހިމެނޭހެން އެއާޕޯޓުން ކަރަންޓު ކެނޑިއްޖެ