އޭނާއަކީ ޓީޗަރުންނާއި، އިދާރީ މުވައްޒަފުންގެ އިތުރުން ބެލެނިވެރިންނާއި ގާތްގުޅުމެއް ބާއްވާ ހިތްހެޔޮ ވެރިއެއް. ޕްރީސްކޫލް ދާއިރާގައި 40 އަހަރު މަސައްކަތް ކުރެއްވިއިރު ރާއްޖެއިން އާއި ރާއްޖެއިން ބޭރުން ގިނަ ތަމްރީންތަކަކާއި ތަޖުރިބާތަކެއް ލިބިފައިވޭ. ތުއްތު ކުޑަކުދިންނަށް ކިޔަވައި ދިނުމަކީ އޭނާ އެންމެ ކުރާހިތްވާ މަސައްކަތް. ގިނަ ވަގުތު ހޭދަކުރައްވަނީ ބެލެނިވެރިންނާއި މުޖްތަމައު ބަލައިގަންނަ، ކާމިޔާބު ދަރިވަރުންތަކެއް އުފެއްދުމަށް. އެކަމަށްޓަކައި ލިބިފައިވާ ތަޖުރިބާއާއި ފަހުގެ ދިރާސާގެ އެހީގައި އޭނާގެ ދަށުން މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންނަކީ ވެސް ގާބިލް ބަޔަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ.

ހަޔާތުގެ އަޑިގުޑަންތަކުން ކުރިއަށް ދިއުމަށް މައިންބަފައިން ދޭ އަގުހުރި ނަސޭހަތަކީ ކިހާ މުހިންމު އެއްޗެއްކަން ދެނެގަނެވެނީ ދިރިއުޅުމުގެ މައިދާނުގައި ކުރިމަތިވާ ބޮޑެތި ބިޔަ ރާޅުތަކުން މާބޮޑު ތަޖުރިބާއެއް ނެތި އަރައިގަނެވުމުންނެވެ.

ގަލޮޅު ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މ. ގުލޭނޫރަންމާގެ، ސުރައްޔާ އިބްރާހީމް (ސުރޭ) އަށް މީގެ އެތައް އަހަރެއް ކުރިން، ފުރަތަމަ ވަޒީފާގެ މައިދާނަށް ނުކުންނެވި ދުވަހު އޭނާގެ ބައްޕަ، ސިފައިންގޭގައި 50 އަހަރުގެ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ "ޑަބަލް ޕެންޝަނަރު" އަލްމަރްޙޫމް މުހައްމަދު ހާޖީގެ ދޮންތުއްތު ނުވަތަ ހާޖީ ދޮހުއްތު ވަރަށް އަގުހުރި ނަސޭހަތެއް ދެއްވި އެވެ.

އެ ނަސޭހަތަކީ ވެރިންނަށް އިހުތިރާމް ކުރުމަށާއި ތިމާގެ މައްޗަށް ތިބޭ މީހުންގެ އަމުރުތަކަށް ކިޔަމަންތެރިވުމަށާއި އަދި ގައުމަށް ފައިދާ ކުރަނިވި އަގުހުރި މަސައްކަތެއް ކުރުމަށެވެ. ބައްފަގެ ނަސޭހަތާއި އޭނާގެ މަންމަ، ބޮޑުބެ އައިސަ ކަތްދާފުޅުގެ ކުޑަމަނިކެ ދެއްވި ރީތި ތަރުބިއްޔަތަކީ އޭނާއަށް ލިބިފައިވާ ވަރުގަދަ ޝަޚްސިއްޔަތުގެ އަސްލެވެ.

ސުރޭގެ މަންމަ (ވ) އަދި ބައްޕަ ފަރީދު އަރިހުގައި ކޮމާންޑަރަކަށް : މައިންބަފައިން އަޅައިދެއްވި ހަރުދަނާ ބިންގާއާއި ތަރުބިއްޔަތުން ގާބިލް މީހަކަށް ހަދައިދިން

މައިންބަފައިން ދެއްވި ތަރުބިއްޔަތުގެ އަލީގައި މިއަދު އޭނާއަކީ ޒިންމާދާރު ވެރިއެކެވެ. ޓީޗަރުންނާއި އިދާރީ މުވައްޒަފުން އަދި ބެލެނިވެރިންނާ ވެސް ގާތްގުޅުމެއް ބާއްވާ ހިތްހެޔޮ ޕްރިންސިޕަލެކެވެ.

އެންމެ ކުރާހިތްވާ މަސައްކަތް: ތުއްތު ކުދިންނަށް ކިޔަވައިދިނުން

ސްކޫލް ނިންމުމަށްފަހު އޭނާ ފުރަތަމަ ވަޒީފާ އަދާކުރެއްވީ ޕޯސްޓް އޮފީހުގަ އެވެ. އޭރު އުމުރަކީ އެންމެ 17 އަހަރެވެ. އޭގެ ދުވަސްކޮޅެއް ފަހުން 1983 ވަނަ އަހަރު ޕްރީސްކޫލްގައި ކިޔަވައި ދިނުމުގެ ފުރުސަތެއް ލިބިގެން ބޭއްވި އިންޓަވިއުއަކުން ހޮވިގެން ސްރީލަންކާގެ ލޭޑީސް ކޮލެޖުން ޑިޕްލޮމާއިން ޕްރީސްކޫލް ޓީޗާސް ޓްރެއިނިން ހަދަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހޮވި 15 ކުދިންގެ ތެރޭގައި އޭނާ ހިމެނިގެންނެވެ. އެ މަސައްކަތަށް ކުރިމަތި ލެއްވީ ތުއްތު ކުދިންނަށް ކިޔަވައި ދެއްވުމަކީ އަބަދުވެސް ވަރަށް ކުރާހިތްވާ މަސައްކަތަކަށް ވާތީ އެވެ.

ސްޕޯޓްސް ފެސްޓިވަލްގައި ކުދިންނާ އެކު: ބެލެނިވެރިން ބަލައިގަންނަ މުޖުތަމަޢު ގަބޫލުކުރާ ފެންވަރަކަށް ގަލޮޅުސްކޫލްގެ ކަންކަން ބައްޓަންކުރުމަކީ ބޮޑު އަމާޒެއް

"އޭރު އަވަށު މަދަރުސާތަކެއް ނޯވޭ. ޕްރީ ސްކޫލް އޮންނަނީ އިސްކަންދަރު ސްކޫލްގައި. ވީމާ ސްރީލަންކާގައި ޕްރީސްކޫލް ޓްރޭނިން ނިންމާފައި އައިސް 1984 ގައި އަޅުގަނޑު ކިޔަވައިދޭން ހަމަޖެހުނީ އިސްކަންދަރުގައި. ފުރަތަމަ ކިޔަވައިދިނީ ޔޫކޭޖީގެ ކުލާހަކަށް،" ޕްރީސްކޫލް ކުދިންނަށް ކިޔަވައިދުނުމުގެ ދާއިރާގައި 40 އަހަރު ހޭދަކުރައްވާއިފައިވާ ތަޖުރިބާކާރު ވެރިޔާ ވިދާޅުވި އެވެ.

ގަލޮޅު ޕްރީސްކޫލާ ގުޅުނީ މީގެ 30 އަހަރު ކުރިން

ޖެހިގެން އައި އަހަރު 1985 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަވަށު ސްކޫލުތައް އުފެއްދެވުމަށް ފަހު އޭނާ ބަދަލުކުރެއްވީ ގަލޮޅު މަދަރުސާގެ ޕްރީސްކޫލް ޓީޗަރަކަށެވެ. އެ ސްކޫލުގައި ދެ އަހަރު ވަންދެން ކުދިންގެ ކިޔެވުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި އެވެ.

އެ ދުވަސްވަރު މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ޕްރީސްކޫލް ސުޕަވައިޒަރަކަށް ހުންނެވި މުފްލިޔާ ޝަހީމް ރާޒީ ގަވައިދުން ސްކޫލްތަކަށް ޒިޔާރަތް ކުރައްވައި، ޓީޗަރުންގެ މަސައްކަތް ވަރަށް ގާތުން ބެއްލެވުމުގެ ތެރެއިން އޭނާގެ މަސައްކަތް ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވިގެން 1986 ގައި ގަލޮޅު ސްކޫލުގެ ޕްރީސްކޫލް ހެޑްޓީޗަރެއްގެ މަގާމަށް ބަދަލުކުރެއްވި އެވެ.

ފަލާޙް ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި: ގަލޮޅު ސްކޫލުން ނިމޭ ކުދިންނަކީ ކާމިޔާބު ކުދިންނަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވޭ

"މެޑަމް މުފްލިޔާ ޝަހީމް ރާޒީ އަބަދުވެސް އަޅުގަނޑުކުރާ މަސައްކަތް އެޕްރިޝިއޭޓް ކުރައްވާ (ބަލައިގަނޭ). ވަރަށް ފުރިހަމަ މަސައްކަތަކޭ ތިކުރައްވަނީ ވިދާޅުވެ، އަބަދުވެސް ހިތްވަރު ދެއްވާނެ. އޭރު ގަލޮޅު މަދަރުސާ ހިންގެވުމާ ހަވާލުވެ ހުންނެވީ އަބްދުލް ޖަލީލް (އަބްޖީ). އަބްޖީގެ ބަހެއް ވެސް ވާނެ ކަމަށް ލަފާ ކުރެވެނީ އަޅުގަނޑު ގަލޮޅު މަދަރުސާގެ ހުއްޓައި ޕްރީސްކޫލް ހެޑްޓީޗަރު ކަމަށް ހަމަޖެއްސުމުގައި،" އޭނާ ވިދާޅުވި އެވެ.

ޖަމިއްޔަތުލް ފަލާޙް: ވެރިން ބަލައިގަންނަ ފަދަ މަސައްކަތްތަކެއް ކޮށްދެއްވި

މާފަންނަށް ނިސްބަތްވާ ބޭފުޅަކަށް ވާތީ ޒަވާޖީ ހަޔާތެއް ފެށުމަށް ފަހު، ޖެހިގެން އައި އަހަރު ގެއާ ކައިރި ސްކޫލަކަށް ބަދަލުކޮށްދެއްވަން މިނިސްޓްރީގައި އޭނާ އެދިވަޑައިގެންނެވި އެވެ. އެއާ ގުޅިގެން 1987 ގައި އޭނާ ބަދަލުކުރެއްވީ އޭރު މަދަރަސަތުލް ފަލާހު ނުވަތަ މިހާރުގެ ނަމުން ނަމަ ފަލާހު ޕްރީސްކޫލަށެވެ. އެ ސްކޫލުގައި ޕްރީސްކޫލް ހެޑް ޓީޗަރެއްގެ މަގާމުގައި ހުންނެވި ނަމަވެސް އޭނާ މަސައްކަތް ކުރެއްވީ ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ހެޑްޓީޗަރެއްގެ ގޮތުގަ އެވެ. ކުދިންނާ އެކީ ކްލާސްރޫމްގަ އެވެ.

ދަރިވަރުންނާއެކު ގައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތުގެ ތެރެއިން: ދަރިވަރުންނާއި، ޓީޗަރުންގެ ލޯބި ލިބިފައިވާ ޕްރިންސިޕަލެއް

ފަލާހު ޕްރީސްކޫލުގެ ބާނީ އަލްމަރްހޫމް އަބޫބަކުރު އިބްރާހިމް ވެސް އޭނާގެ މަސައްކަތް ރަނގަޅުކަން ފާހަގަކުރައްވާ ގާތްކޮށް ހިތްތެވި އެވެ. ފަލާހް ޕްރީސްކޫލްގައި ވަރަށް ފުރިހަމަ މަސައްކަތެއް ކުރައްވަމުން ގެންދަވަނިކޮށް 1990 ގައި ސިންގަޕޫރަށް ފޮނުވަން ހޮވި ހެޑް ޓީޗަރުންގެ ތެރޭގައި އޭނާ ހިމެނުނެވެ.

ސިންގަޕޫރުގެ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގައި ހިންގާ "ޗައިލްޑްކެއާ ޕާސަނަލް ޓްރެއިނިން"ގެ ބޭސިކް އަދި އިންޓަމީޑިއަޓް ކޯހުގައި ކިޔެވިއިރު ޕްރީސްކޫލާއި ޑޭކެއާގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިވެގެން ދިޔަ އެވެ. އެ ތަމްރީން ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ފަލާހް ޕްރީސްކޫލާ އަލުން ގުޅިވަޑައިގަތެވެ.

އޭގެ ފަހުން އަނެއްކާ ވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މާލޭގެ 6 ޕްރީސްކޫލްގެ 6 ހެޑް ޓީޗަރުންނަށް ދެއްވި ފުރުސަތެއްގައި އޭނާ ސްރީލަންކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންނުން "ދަ ސްކޫލް މެނޭޖްމަންޓް ސުޕާވިޝަން ކޯސް ފޯ ޕްރީ ސްކޫލް ހެޑްޓީޗާސް" ފުރިހަމަކުރެއްވި އެވެ.

ސްޕޯޓްސް ފެސްޓިވަލްގައި: ހުރިހާ ކުދިންނަށްވެސް ހަމަހަމަ ފުރުސަތު ދިނުމަށް އަބަދުވެސް އިސްކަންދޭ

ޖެހިގެން އައި އަހަރު 1996 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ގަލޮޅު ޕްރީސްކޫލްގެ ހެޑް ޓީޗަރަށް އޭނާ ބަދަލުކުރެއްވި އެވެ. އޭރު އެ ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނެވީ މަރިޔަމް ސޯލިހް އެވެ.

ގިނަ ތަޖުރިބާތަކަކާއެކު ހިންގުމުގެ މަސައްކަތް ދަސްވެގެންދިޔަ

"މަރިޔަމް ސާލިހުގެ އަރިހުގައި ނުވަ އަހަރު އަޅުގަނޑު މަސައްކަތް ކުރިއިރު، ސްކޫލެއް ހިންގުމުގެ ތަޖުރިބާ ވަރަށް ބޮޑަށް ލިބިގެންދިޔަ، ޕްރީސްކޫލް ހެޑްޓީޗަރަކަށް ހުރެމެ، 1998 ގައި ގަލޮޅު މަދަރުސާގެ ނާސަރީގެ ހެޑް ޓީޗަރުގެ ޒިންމާ ވެސް އަޅުގަނޑު ނެގިން. އެއީ އޯވަރޯލްކޮށް ޕްރީސްކޫލް އާއި ނާސަރީ އެއްކޮށް ބެލެހެއްޓުން،" ސުރޭ ވިދާޅުވި އެވެ.

ސްރީލަންކާގައި ފުރިހަމަ ކުރެއްވި އެއް އަހަރުގެ ޑިޕްލޮމާކޯސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ބަލައި ނުގަތުމުން އޭނާ ވަނީ "އާލީ ޗައިލްޑްހުޑް އެޑިޔުކޭޝަން"ގެ ދާއިރާއިން އިތުރަށް ކިޔަވައި ވިދާޅުވެފަ އެވެ. އެއީ 2015- 2016 އަށް އެވިޑް ކޮލެޖުން ފުރިހަމަ ކުރެއްވި" އެސޯސިއޭޓް ޑިގްރީ އިން އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން" އާއި 2019 -2020 އަށް މިއާންޒް އިންޓަ ނެޝަނަލް ކޮލެޖުން ފުރިހަމަ ކުރެއްވި "ބަޗެލާސް ޑިގްރީ އިން އާލީ ޗައިލްޑްހުޑް އެޑިޔުކޭޝަން" އެވެ.

ޓީޗަރުންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ގަލޮޅު ސްކޫލް ޓީޗަރުންނަކީ ވަރަށް ގާބިލް ޓީޗަރުންތަކެއް

މަރިޔަމް ސާލިޙް ގަލޮޅު ސްކޫލު ޕްރިންސިޕަލްގެ މަގާމުން 2004 ގައި ވަކިވެ ވަޑައިގަންނަވަމުން ސެކަންޑަރީ ގްރޭޑް ކްލާސްތައް ވެސް ހިމެނޭހެން މުޅި ގަލޮޅު މަދަރުސާ ހިންގެވުން، ގަލޮޅު އަވަށު އޮފީހުން އޭނާއާ ހަވާލުކުރެއްވި އެވެ. އޭރު އޭނާ ވަނީ ސީނިއާ އެސިސްޓަންޓް ޕްރިންސިޕަލްގެ މަގާމަށް އައްޔަނު ކޮށްފަ އެވެ.

"އޭރު ގަލޮޅު މަދަރުސާގައި ގަލޮޅު އަވަށުވެރިންގެ ގެގޮތުގައި ތިއްބެވީ އަވަށުގެ ވެރިޔާ އަހުމަދު އަބްދުﷲގެ އިތުރުން އަލްމަރްޙޫމާ މުއުމިނާ އަބްދުލް ގައްޔޫމް، އަލްމަރްޙޫމް ލޯޖެހި އަހުމަދު މަނިކު. އަދި އިސްމާއިލް ޝަފީގް އާއި މަރިޔަމް ސާލިހް ސްކޫލްގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި،" ސުރޭ ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބެލުމުގެ ދަށުން މާލޭގެ އަވަށްތަކުގައި ހިންގި ޕްރީސްކޫލްތައް ފަހުން ކައުންސިލްގެ ބެލުމުގެ ދަށަށްދިޔަ އެވެ. އަދި 2015 ގައި ކައުންސިލުން ޕްރިންސިޕަލަކު ހަމަޖައްސަންވެގެން އޭނާ ގަލޮޅު ސްކޫލުގެ ޕްރިންސިޕަލަކަށް ބަދަލު ކުރެއްވި އެވެ.

ކާމިޔާބު ލީޑަރެއްގެ ދަށުގައި ދަރިވަރުންގެ ކާމިޔާބަށް ހިވާގި ވަރުގަދަ ޓީމެއް

ބޭބީ ނާސަރީ އިން ފެށިގެން ޔޫކޭޖީއާ ހަމައަށް ކިޔަވައި ދެއްވަނީ ވަރަށް ގާބިލް ހީވާގި ޓީޗަރުންކަން އެތަނުން ނިމޭ ކުދިންގެ ފެންވަރަށް ބަލާލުމުން ޔަގީންވެ އެވެ. އެ ފެންވަރަށް ކުދިން ގެންދިއުމަށްޓަކައި ފަރުދާގެ ފަހަތުގައި ސުރޭގެ ފުރިހަމަ ބެއްލެވުމާއި ލަފާގެ ދަށުން މަސައްކަތް ކުރައްވާ ހީވާގި ގާބިލް ޓީމެއްވެ އެވެ.

ސުރޭ: ސްކޫލްގެ ހުރިހާކަމެއް ވެސް ހިނގާނީ އޭނާގެ ބެއްލެވުމާއި ލަފާގެ މަތިން

"މިސްކޫލްގެ ޓީޗަރުންނަކީ ވަރަށް ގާބިލް، ތަޖުރިބާހުރި ޓީޗަރުން. ވަރަށް ހިތްވަރުގަދަ، ކުޅަދާނަ ޓީމެއް އެއީ. ބެލެނިވެރިން ބަލައިގަންނަ އަދި މުޖްތަމައު ގަބޫލުކުރާ ފެންވަރަށް ކިޔަވައިދިނުމުގެ ކަންކަން ގެންދިއުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް، ދަރިވަރުން ޕްރައިމަރީ ގްރޭޑަށް ބަދަލުކުރުމަށްޓަކައި ފައުންޑޭޝަން ސްޓޭޖްއަކީ އުނގެނުމަށާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ ހުނަރާއި އަގުތައް ދަސްކުރާ އުމުރު ފުރާއެއް. ވީމާ އެ އުމުރުފުރާގެ މައިގަޑު މަގުސަދު ހާސިލް ކުރުމަށްޓަކައި ހުނަރު ދަސްކޮށް ދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަން. މި ސްކޫލުން ނިމޭ ކުދިންނަކީ ކާމިޔާބު ކުދިންނަށް ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެންގެ ޓީޗަރުން ކުރާނެ،" އޭނާ ވަރަށް ފަޚުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ.

ސުރޭގެ ހީވާގި ގާބިލް ޓީމް: ގަލޮޅު ސްކޫލަކީ އެންމެ ފެންވަރު ރަނގަޅު ޕްރީސްކޫލަށް ހެދުމަށް ކުރަނީ ބުރަމަސައްކަތްތަކެއް

އޭނާގެ ގިނަ ވަގުތު ހޭދަކުރައްވަނީ ސްކޫލު ތެރޭގަ އެވެ. ސްކޫލް ހިންގަން ހުންނަ މީހާގެ ހައިސިއްޔަތުން އެ ސްކޫލުގައި ހިނގާ ހުރިހާކަމެއް އޭނާ ވަރަށް ފުރިހަމައަށް ބައްލަވަ އެވެ. މަސައްކަތް ކުރައްވަނީ ވަރަށް ޝައުގުވެރިކަމާއެކު އެވެ. ކުރިން ލިބިފައިވާ ތަޖުރިބާގެ އަލީގައި ގަލޮޅު ސްކޫލުގެ ހިންގުން ހަލުވިކޮށް، އެންމެ ފެންވަރު ރަނގަޅު ޕްރީސްކޫލްގެ ގޮތުގައި ގަލޮޅު ސްކޫލް ހެދުމަށް ގިނަ މަސައްކަތްތަކެއް އޭނާއާއި މުޅި ގަލޮޅު ސްކޫލްގެ ޓީމުން ކުރައްވަ އެވެ.

ކިޔަވައިދިނުން ރަނގަޅުތޯ، ޓީޗަރުން ހަމަތޯ، ސްކޫލަށް އެއްވެސް ކަމެއް ބޭނުންވޭތޯ ބެލުމަކީ އޭނާގެ ކޮންމެ ދުވަހެއްގެ އާދަ އެވެ. ޓީޗަރުންގެ އިތުރުން ސީނިއާ މެނޭޖްމަންޓްގައި ތިބި މުވައްޒަފުންނަކީ ސްކޫލްގެ ހުރިހާ މަސައްކަތެއް ކުރަން އެނގޭ މުވައްޒަފުންނަށް ހެދުމަށް ދާއިރާއިން ލިބފައިވާ ތަޖްރިބާއާއި ފަހުގެ ދިރާސާތަކަށް ރިއާޔަތްކޮށް ގާބިލް މީހުން އެފެއްދުމަށް އޭނާ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަ އެވެ.

މާމަދަރިފުޅާއިއެކު ގަލޮޅު ސްކޫލްގެ 40ވަނައަހަރީ ދުވަސް ފާހަގަކުރުމުގައި: ސުރޭއަކީ އިލްމީ، ގާބިލު އަދި ތަޖުރިބާކާރު ވެރިއެއް

ޕްރިންސިޕަލެއްގެ އަމާޒު: ހުރިހާ ދަރިވަރުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް

ގަލޮޅު ސްކޫލަކީ 2017 އިން ފެށިގެން ހަމައެކަނި ޕްރީސްކޫލް، ނާސަރީ އަދި ބޭބީ ނާސަރީ ކުދިން ކިޔެވުމަށް ޚާއްސަކޮށްފައިވާ ސްކޫލެކެވެ. ހާއްސަ އެހީތެރިކަމަކަށް ބޭނުންވާ ކުދިން ވެސް ހިމެނޭހެން ކްލާހެއްގައި 25 ކުދިންނަށް 1 ޓީޗަރަކާއި 1 އެސިސްޓަންޓް ޓީޗަރަކު ހިމެނެ އެވެ. އެއްވެސް ކުއްޖެއް ބާކީނުކުރާ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖެއް ބާކީނުކޮށް ހުރިހާ ކުދިން ޝާމިލްކޮށްގެން ހުރިހާ ކުދިންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ފޯރުކޮށްދިނުމަކީ އެ ސްކޫލުގެ އެންމެ ބޮޑު އަމާޒެވެ.

"އަޅުގަނޑު އެންމެ އުފާވާނެ އެއްކަމަކީ މި ސްކޫލުން ތައުލީމު ހާސިލްކުރާ ދަރިވަރުން، މި ގައުމުގެ ތަފާތު އެކި ދާއިރާތަކުން، ރަނގަޅު ޒިންމާދާރު ވަޒީފާގައި އުޅޭތަން ފެނުން. މިއަށް ވުރެ ބޮޑު އުފަލެއް ކޮބައިތޯ؟ ގައިމުގެ މުސްތަގުބަލަށްޓަކައި މިނޫން ކޮންކަމެއްތޯ ކުރަންވީ؟،" ސުރޭ ވިދާޅުވި އެވެ.

ސްޓާ ފްލައިންގް އަޕް ހަފްލާގެ ތެރެއިން: ސްކޫލްގައި ހިންގާ ހުރިހާ ހަރަކާތް ތަކެއްގައިވެސް އެއްވެސް ކުއްޖެއް ތަފާތު ކުރުމެއްނެތި ހަމަހަމަ ފުރުސަތުދެވޭ

އޭނާ މިއަދު ހުރި މަގާމުގައި ބެހެއްޓުމަށް އެންމެ ބޮޑު އެހީތެރިކަމަކާއި ގުރުބާނީއެއް ވެދިނީ އެންމެ ފުރަތަމަ ވަޒީފާއަށް ނުކުތް ދުވަހުން ފެށިގެން ވެސް މަންމަ އާއި ބައްޕަ ކަން ފާހަގަކުރައްވަ އެވެ. އޭގެ އިތުރުން ކިޔަވައިދިނުމުގެ ދާއިރާއިން ކުރިއަށް ދިއުމަށްޓަކައި އޭނާއަށް ސަޕޯޓްދެއްވާ އެންމެނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވަ އެވެ.

އޭގެ އިތުރުން ފިރިމީހާ އާއި ދަރިން އަދި އާއިލާގެ އެހީތެރިކަން އަބަދުވެސް ލިބޭކަން ވަރަށް އުފަލާއެކު ފާހަގަކުރައްވަ އެވެ.