ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނާތީ މީރާއަށް މިދިޔަ މަހު ޓެކްސްގެ ގޮތުގައި 125 މިލިއަން ޑޮލަރު ލިބުނު ކަމަށް ބުނެފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން ބުނިގޮތުގައި މިދިޔަ މަހު މީރާއަށް ޓެކްސްގެ ގޮތުގައި ޖުމްލަ 2.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 22.7 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި، މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 1.6 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުނެ އެވެ.
އެ އިދާރާއިން ބުނިގޮތުގައި، އެޕްރީލް 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ އެޕްރީލްގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. މީގެ އިތުރުން، މާޗު 2024 އާ އަޅައިބަލާއިރު މިއަހަރުގެ މާޗު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު4.8 ޕަސެންޓް އިތުރުވެފައިވުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާގެ އާމްދަނީ އިތުރުވެފައިވާ ކަމަށް މިރާއިން ބުނެ އެވެ. މީގެ އިތުރުން 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުވުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ އާމްދަނީ އިތުރުވުމަކީ ވެސް އެޕްރީލް 2025 ގެ ޖުމުލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.
މީރާއިން ބުނީ މިދިޔަ އެޕްރީލްއަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށް ވުރެ 1.6 ޕަސެންޓް އިތުރުވި މައިގަނޑު އެއް ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓު ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ. މީގެ އިތުރުން، ޖަނަވަރީ 2025 ގައި ލިބިފައިވާ އާމްދަނީގެ 14.8 ޕަސެންޓްއަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން، މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އެއްސަބަބު ކަމަށް އެ އިދާރާއިން ބުނެ އެވެ.
މިދިިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 63.4 ޕަސެންޓް ނުވަތަ 1.65 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ގްރީން ޓެކުހުންނެވެ. އެއީ 8.7 ޕަސެންޓް ނުވަތަ 226.7 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 176.5 މިލިއަން ރުފިޔާ (6.8 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 155.3 މިލިއަން ރުފިޔާ (6.0 ޕަސެންޓް)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 153.2 މިލިއަން ރުފިޔާ (5.9 ޕަސެންޓް) އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 9.4 މިލިއަން ރުފިޔާ (3.6 ޕަސެންޓް) ލިބިފައިވެ އެވެ.