ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ދިން ދުވަހަށް މެދުކަނޑާލަން ރަޝިއާގެ ރައީސް ވްލަދިމިރް ޕުޓިން ނިންމި ނިންމުމަށް އަމަލުކުރަން ފަށައިފި އެވެ.

ރަޝިއާގެ ދައުލަތުގެ މީޑިއާއިން ބުނީ ބުދަ ދުވަހުގެ ރޭ 12 ޖެހިއިރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާކަމަށެވެ.

އިންސާނީ ހައްގުތަކަށްޓަކައި ރަޝިއާއިން ޔޫކްރެއިންގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް މޭމަހުގެ 8 އިން 11 އަށް ހުއްޓާލުމަށް ޕުޓިން އަމުރުކުރީ މިދިޔަ މަހު އެވެ.

ޕުޓިން ގެ މި ނިންމެވުމާ ދެކޮޅު ހައްދަވަމުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ 30 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ ހުށަހެޅި ޕްރޮޕޯސަލަށް އަމަލުކުރުމަށް ބާރުއަޅާފަ އެވެ. އެހެންނަމަވެސް އެ ޕްރޮޕޯސަލް އަށް އަމަލުކުރުމަށް މީގެކުރިން ރަޝިއާއިން ވަނީ ދެކޮޅު ހަދާފަ އެވެ.

ތިން ދުވަހަށް ހަނގުރާމަ ހުއްޓާލަން ޕުޓިން ނިންމިއިރު މޭ މަހުގެ 9 ވަނަ ދުވަހަކީ ދެވަނަ ބޮޑު ހަނގުރާމައިގައި އެގައުމަށް ލިބުނު ކާމިޔާބީ ފާހަގަ ކުރާ ދުވަހެވެ.

މިދުވަހު ބޮޑު މިލިޓަރީ ޕެރޭޑެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ހަރަކާތުގައި ރަޝިއާ އާއި ގާތް ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.