އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެފައިވަނިކޮށް އީރާނުގެ ފޮރިން މިނިސްޓަރު ސައްޔިދު އައްބާސް އަރަގާޗީ އިންޑިއާ އަށް ވަޑައިގެންފި އެވެ.

އިންޑިއާ އާއި އީރާނުން ހާރިޖީ ގުޅުން ގާއިމުކުރިތާ 75 އަހަރު ފުރުން ފާހަގަކުރަމުންދާ ދަނޑިވަޅުގައި އަރަގާޗީ އިންޑިއާ އަށް ކުރައްވާ މިދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓާނަލް ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރެއްވުމުގެ އިތުރުން އިންޑިއާ-އީރާނުގެ 20 ވަނަ ޖޮއިންޓް ކޮމިޝަން ކޯޗެއާ ކޮށްދެއްވާނެ އެވެ.

މި ކޮމިޝަނުގައި ދެގައުމުގެ ދޭތެރޭގައި އިތުރަށް ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާއި ދެ ގައުމުގެ ދެމެދުގައިވާ އިގްތިސާދީ އެއްބަސްވުންތަކުގެ މައްޗަށް ވެސް އަލިއަޅުވާލާނެ ކަމަށް އިންޑިއާގައި ހުންނަ އީރާނުގެ ހައިކޮމިޝަނުން ބުނެ އެވެ.

އިންޑިއާ އަށް ވަޑައިގަތުމުގެ ކުރިން މި ހަފްތާގެ ކުރީ ކޮޅު އަރަގާޗީ ވަނީ ޕާކިސްތާނަށް ވަޑައިގެން އެގައުމުގެ ފޮރިން މިނިސްޓަރު އިސްހާގު ދަރްއާ ވެސް ބައްދަލުކުރައްވާފަ އެވެ.

ކަޝްމީރުގެ ޕަހަލްގަމް އަށް ދިން ހަމަލާއާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ހޫނުވެފައިވާއިރު އީރާނުން ވަނީ ޕާކިސްތާނާ ގުޅުން ހުރި ޓެރަރިސްޓުން ދިން ކަމަށް ތުހުމަތުކުރާ މި ހަމަލާ ކުށްވެރިކޮށް ދެގައުމުގެ ދެމެދުގައި މިހާރު ބަދަލުކުރެވެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފަ އެވެ.