އެމެރިކާއިން ޔަމަނުގެ ހޫތީންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެއްޖެ އެވެ.
ޣައްޒާގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ހިންގަމުންދާ ގަތުލުއާއްމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގެ ގޮތުން ރަތް ކަނޑު ހުރަސްކޮށް އިސްރާއީލަށް ދާ އުޅަނދުތަކަށް ހޫތީން ދެމުންގެންދިޔަ ހަމަލާތަކާ ދެކޮޅަށް އެމެރިކާއިން ހަމަލާދޭން ފެށީ މިަހަރުގެ މާޗު މަހުގެ މެދުތެރޭގަ އެވެ.
ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން ޓްރަމްޕް ބުނީ އިތުރަށް ހަމަލާދޭން ބޭނުންނުވާކަމަށް ހޫތީން ބުނެފައިވާކަމަށާއި ހޫތީންގެ މި ނިންމުމަށް އެމެރިކާއިން އިހުތިރާމް ކުރާނެ ކަމަށެވެ.
އެމެރިކާގެ ޑިފެންސް އޮފިޝަލަކު ބުނީ ހޫތީންނާ ދެކޮޅަށް ހަމަލާ ނުދިނުމަށް އެމެރިކާގެ އަސްކަރިއްޔާ އަށް އަންގާފައިވާކަމަށެވެ.
އެމެރިކާއިން ހަމަލާ ދިނުން ހުއްޓާލުމަށް ނިންމި ނަމަވެސް ދާދި ފަހުން ޔަހޫދީންގެ މައި އެއާޕޯޓަށް އަމާޒުކޮށް ހޫތީން ދިން ހަމަލާއާއި ގުޅިގެން އިސްރާއީލުން އަންނަނީ މެދުކެނޑުމެއް ނެތި ޔަމަނަށް ހަމަލާ ދެމުންނެވެ.