މުޒައްފަރުއާބާދު (މެއި 7) - ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބޮޑު ހަމަނުޖެހުންތަކެއް އުފެދި، އިންޑިއާއިން ދިން ވަރުގަދަ މިސައިލް ހަމަލާގައި ޕާކިސްތާނުގެ 8 މީހުން މަރުވެއްޖެ އެވެ.
އިންޑިއާއިން ދިން ހަމަލާއާ ގުޅިގެން ޕާކިސްތާނުން އަންނަނީ ރައްދު ހަމަލާ ދިނުމަށް ތައްޔާރުވަމުންނެވެ.
ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ނުވަ ތަަނަކަށް "ޓެރަރިސްޓް ކޭމްޕްތަކަށް" ހަމަލާތައް ދީފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފައި މިވަނީ، އެ ސަރަހައްދުގައި އޮންނަ ޕެހެލްގަމަށް އަށް ދިން ނުރައްކާތެރި ހަމަލާގެ ޒިންމާ އިސްލާމްއާބާދުގެ ބޮލުގައި އަޅުވާފައި ވަނިކޮށެވެ.
ހަމަލާތަކަށް ފަހު އިންޑިއާގެ އަސްކަރިއްޔާއިން އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ "އިންސާފު ލިބިއްޖެ" ކަމަށާއި، ނިއު ދިއްލީން ބުނީ އެ ގައުމުން ހަމަލާދިނީ "ފޯކަސްކޮށް، އިތުރަށް މަސްރަހު ހޫނުވާ ގޮތަށް" ކަމަށެވެ.
ޕާކިސްތާނުން ބުނިގޮތުގައި އެ ގައުމުގެ ހަ ތަނަކަށް އިންޑިއާއިން ދިން ހަމަލާތަކުގައި އާންމުންގެ އަށް މީހަކު މަރުވިއިރު، އޭގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ.
އެގައުމުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ މުހައްމަދު އާސިފް އޭއެފްޕީއަށް ވިދާޅުވީ ބަދަލު ހިފުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
"އެކަމަކު ހަމަލާދޭން މާ ގިނަ ދުވަހެއް ނުނަގާނެ،" އޭނާ ވިދާޅުވި އެވެ.
ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ތުހުމަތު ކުރެއްވި ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ހަމަލާތައް ފެއްޓެވީ އޭނާގެ އެތެރޭގެ މަގުބޫލުކަން "ކަނޑުވާލަން" ކަމަށެވެ.
ޕާކިސްތާނުން ހިންގާ ކަޝްމީރާއި ޕަންޖާބުގައި ތިބި އޭއެފްޕީގެ ނޫސްވެރިންނަށް ވަނީ ބާރުގަދަ ގޮވުންތަކެއް އިވިފަ އެވެ.
އޭގެ ކުޑަ އިރުކޮޅެއް ފަހުން އިންޑިއާއިން ވަނީ ކަޝްމީރުގެ ޑި ފެކްޓޯ ބޯޑަރު ކަމަށްވާ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ހުރަސްކޮށް ޕާކިސްތާނުން އާޓިލަރީ އެއްލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އިންޑިއާ އިން ވެރިކަން ކުރާ ކަޝްމީރުގައި ޓޫރިސްޓުންނަށް ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާއަށް އިންޑިއާއިން އަސްކަރީ ގޮތުން ރައްދު ދޭނެ ކަމަށް ބެލެވިފައިވެ އެވެ. އެ ހަމަލާ ދިނީ ޕާކިސްތާނަށް ނިސްބަތްވާ ލަޝްކަރޭ ތައިބާ ޖަމާއަތުން ކަމަށް އިންޑިއާ އިން ބުނެ އެވެ.
ޕެހެލްގަމްގައި ދިން އެ ހަމަލާގައި 26 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ހިންދޫ ފިރިހެނުންނެވެ. އެކަމުގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެ އެވެ. -- އޭއެފްޕީ