ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މި ވަގުތަށް އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ"ގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މިއަދު ހެނދުނުން ފެށިގެން ފަވަރަގެ ހުރިހާ ހިދުމަތްތަކެއް މެދުކެނޑިފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ހައްލުކުރަން ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

އަހަރުގެ ހުރިހާ ދުވަހެއްގައި، 24 ގަޑިއިރު މެދުނުކެނޑި ޕޭމަންޓް ޚިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސިސްޓަމުން ކޮންމެ ބޭންކެއްގައި އެކައުންޓު އޮތް ކަމަށް ވިޔަސް، އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުއާމާލާތްތަކުގެ ފައިސާ ވަގުތުން ވަގުތަށް ކަސްޓަމަރުންނަށް ލިބެ އެވެ.

އެ ސިސްޓަމް އެމްއެމްއޭއިން ތައާރަފް ކުރީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ.

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަދި ބޭންކް އޮފް ސިލޯން (ބީއޯސީ)ގެ ހިދުމަތްތައް ފަވަރައިން ލިބެ އެވެ.

އަދި މި އަހަރުގެ ޖެނުއަރީ މަހު، ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް)، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް) އަދި ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) ވެސް ވަނީ ފަވަރަ އާ ގުޅިފަ އެވެ.