އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއައިއެޗް)ގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ 1 ވަނަ އިންޓޭކް، މޭ 2025 ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ހުޅުވާލާފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުން 15 ފަރާތަކަށް ފުރުސަތު ދޭ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން މިމަހުގެ 15 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އިންޓާންޝިޕް އަށް އެދި ހުށަހަޅާއިރު މެޑިކަލް ކޮލެޖް ނުވަތަ ޔުނިވާސިޓީ އިން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮންނަން ޖެހޭ ކަމަށާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުމާއެކު ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް އޮވެގެން ނުވާނެ ކަމަށެވެ.
ޕްރޮގްރާމަށް ހޮވޭ ފަރާތަތްތަކުން، ޕްރޮގްރާމް ފެށުމުގެ ކުރިން، ހޮސްޕިޓަލުން އެންގުމުން ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެ ކަމަށާއި މި ޕްރޮގްރާމަށް 15 އަށް ވުރެ ގިނަ ފަރާތްތަކުން ޝަރުތު ހަމަވާނަމަ އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރި ފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ބުނެ އެވެ.