މާމުޔަކީ ހަލާކުނުވެ ވަރަށް ގިނަ ދުވަހު ބެހެއްޓޭ އެއްޗެއްކަމަށް ބުނެއުޅެ އެވެ. މީގެ ހަގީގަތަކީ ކޮބައިބާވަ އެވެ؟
މާމުއި އުފެއްދުމުގެ މަރުހަލާގައި ކުޅަނދުރު، އެކި ކަހަލަ މަލުން ފޮނި ބޮއެގެން ގެނެސް ކުޅަނދުރު ހަތައިގެ ތެރޭގައި އުޅޭ އެހެން ކުޅަނދުރުތަކަށް ދެ އެވެ. މިގޮތަށް އެ ފޮނި، އެއް ކުޅަނދުރުން އަނެއް ކުޅަނދުރަށް ބަދަލުކުރަމުން ދާއިރު މާފޮނީގެ ތެރޭގައިވާ ފެނުގެ މިންވަރު މަދުވެ އެވެ. މި މަރުހަލާގައި މާމުއިގެ ބަނޑުގައިވާ އެންޒައިމްގެ ސަބަބުން މާފޮނީގެ ތެރޭގައިވާ ގްލޫކޯސް ބަދަލުވެ ގްލޫކޯނިކް އެސިޑް އަދި ހައިޑްރޮޖަން ޕެރޮކްސައިޑް އުފެދެ އެވެ. މިކަމުގެ ސަބަބުން މާމުއި އެސިޑިކްވެ އެވެ.
މާމުއި ހަތައިގެ ތެރޭގައި ރައްކާކުރުމަށްފަހު ކުޅަނދުރު އެސޮރުމެންގެ ފިޔަގަނޑުން ވައިޖަހަ އެވެ. މިގޮތަށް ވައި ޖެހުމުގެ ސަބަބުން މާމުއީގެ ތެރޭގައިވާ ފެން އަވަހަށް ހިކެ އެވެ. މާމުއީގެ ތެރޭގައި ފެނުގެ މިންވަރު މަދުވެ އެސިޑިކްވުމުގެ ސަބަބުން ބެކްޓީރިއާ ނުވަދެ އެވެ. އަދި މާމުއީގެ ތެރޭގައި އުފެދޭ ހައިޑްރޮޖަން ޕެރޮކްސައިޑްގެ ސަބަބުން ބެކްޓީރިއާ މަރުވެ އެވެ. މިކަންކަމުގެ ސަބަބުން މާމުއި ހަލާކުނުވެ ގިނަ ދުވަހު ބެހެއްޓެ އެވެ.
މާމުއި ހަލާކުނުވެ ގިނަ ދުވަހު ބެހެއްޓޭކަމުގެ ހެއްކެއްގެ ގޮތުން މިސްރުގެ ގަދީމީ މަހާނަތަކުން މާމުއި ފެނިފައިވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. މާމުއި ހަލާކުނުވެ ގިނަ ދުވަހު ބެހެއްޓޭތީ ފިނި މޫސުމުގައި ކުޅަނދުރުތަކަށް ކާނާގެ ގޮތުގައި ބޭނުން ކުރެވެ އެވެ. އަދި އިންސާނުންނަށް ވެސް ގިނަ ދުވަހު ބޭނުން ކުރެވެ އެވެ.