މިމަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގައި މަގުބޫލު ގޭމެއް ކަމަށްވާ މައިންކްރާފްޓްގެ ޕްލެޓްފޯމުގައި ވެސް އަޑު އުފުލައިފި އެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގެ ކަމަކަށް އަޑުއުފުލުމަށް ގޭމިން ސާވާއެއްގައި ބޭއްވި މި މުޒާހަރާގައި 38 އަށްވުރެ ގިނަ މީހުން ބައިވެރިވި އިރު، އެކަމުގައި ހަރަކާތްތެރިވި މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިކަން ރޭވީ ގަޑިއިރެއްގެ ތެރޭގައި ކަމަށެވެ.

މައިންކްރާފްޓް ގެ އިތުރުން ރޭގައި ޒުވާނުން ވަނީ ޔުމްނުގެ ހައްގުގައި ޒުވާނުން ރޭގައި ވަނީ މައިންކްރާފްޓްގެ އިތުރުން އެކްސް ސްޕޭސް، ޓިކްޓޮކް ލައިވްގައި ވެސް އަޑު އުފުލާފަ އެވެ.

މިއާއެކު ޒުވާނުން މަގުމައްޗަށް ނުކުމެ ކުރަމުންދާ އިހުތިޖާޖު ތައް މިރޭ އަނެއްކާވެސް ފަށާނެ ކަމަށް ރޭގައި ވަނީ އިއުލާނުކޮށްފަ އެވެ. އިހުތިޖާޖު ކުރަމުންދާ ޒުވާނުން ސަރުކާރުގެ ކިބައިން ވަނީ 10 ޑިމާންޑެއް ކޮށްފަ އެވެ. އެއީ:

1. ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން

2. މިކަމުގެ ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން

3. ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން

4. ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން

5. ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން

6. ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން

7. ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުން

8. ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން

9. ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން

10. ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަށް އެންމެން ކުރިމަތީ މައާފަށް އެދިވަޑައިގަތުމަށް

މިމައްސަލާގައި އެރޭ ޔުމްނު ވެއްޓުމާ ހަމައަށް އޭނާ އާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލު ހައްޔަރުކޮށް އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައިވާއިރު، އެ މައްސަލާގައި ތުހުމަތުކުރެވޭ 7 މީހެއް ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

ޔުމްނު މިހާރު އިތުރު ފަރުވާއަށް މެލޭޝިއާ އަށް ގެންގޮސްފައިވާއިރު އާއިލާއިން ބުނި ގޮތުގައި އިއްޔެ ވަނީ ޔުމްނުގެ މައިބަދައިގެ ސީ-7 އާއި ގުޅޭ 5 ގަޑިއިރު ސާޖަރީއެއް ކާމިޔާބު ކަމާއި އެކު ފުރިހަމަކޮށްފަ އެވެ.