ޓޫރިޒަމް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފް ސަސްޕެންޑްކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނެރުނު ބަޔާނެއްގައި ވަނީ ސޫޒަން ސަސްޕެންޑް ކުރީ އޭނާއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށް ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ހަރަދުތައް ކުރި ގޮތާ ބެހޭ ގޮތުން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ފާހަގަ ކުރެވިފައިވާ ކަންކަން ވެސް ބަލަން ނިންމާފައިވާތީ ކަމަށް ސީއެސްސީގެ ބަޔާނުގައިވެ އެވެ.

ސޫޒަން ސަސްޕެންޑްކޮށްފައި ވަނީ މުސާރަ ލިބޭ ގޮތަށް އެއް މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ސީއެސްސީގެ ބަޔާނުގައިވެ އެވެ.

ސޫޒަން، ޓޫރިޒަމް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރު ޖުލައި މަހު 27 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހަށް ފޮނުއްވި ސިޓީއެއްގައި ސޫޒަން ކިބައިގައި އެ މަގާމު އަދާ ކުރުމުގެ ގާބިލުކަން ހުރިކަމާމެދު ސުވާލު އުފައްދާފައިވެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ މައުލޫމަތުތައް ސޫޒަންގެ ކިބައިގައި ނެތް ކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި ސޫޒަން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ކޮވިޑް19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ހަރަދު ކުރި 26 މިލިއަންގެ ތެރެއިން 99 ޕަސަންޓަކީ މިނިސްޓްރީގެ ޒިންމާއާ ނުގުޅޭ ހަރަދުތަކެއް ކަމަށް ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކުރި ކަމަށް ރިޕޯޓުގައިވެއެވެ.