ކޮވިޑް-19 އަށް މިއަދު މުޅި ރާއްޖެއިން 85 މީހަކު ޕޮޒިޓިވެ، އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު 111އަށް އިތުރު ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 85 ތެރޭގައި ހިމެނެނީ 46 ދިވެހިންނާއި 39 ބިދޭސީންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 108 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ރާއްޖޭން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9،328 އަށް އަރައިފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 7،729 އަށް އިތުރުވެފަ އެވެ. އެހެންވެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 1،560 އަށް ތިރިވެފަ އެވެ.

މި ބަލީގައި މިހާތަނަށް 33 މީހަކު ވަނީ މަރުވެފަ އެވެ.