އިނގިރޭސި ވިލާތުގެ ވަލީއަހުދު ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ޕްރިންސަސް ކޭޓް މިޑްލްޓަން ޝާހީ މަސައްކަތަށް ނުކުންނާނެ ދުވަހެއް ނޭނގޭ ކަމަށް ޝާހީ އާއިލާގެ ތަރުޖަމާނަކު ބުނެފި އެވެ.

އުމުރުން 42 އަހަރުގެ ކޭޓް ވަނީ މީގެ ދެ މަސް ކުރިން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ ވީޑިއޯއެއް މެދުވެރިކޮށް އާންމުންނާ ހިއްސާކޮށްފަ އެވެ.

އޭނާއަށް ޖެހިފައި ވަނީ ކޮން ވައްތަރެއްގެ ކެންސަރެެއް ކަމެއް ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ ބަނޑުގެ ސާޖަރީގެ ހެދި ފަހުންކަން ވަނީ ހާމަކޮށްފަ އެވެ.

ކޭޓް މި ވަގުތު ދަނީ ކީމޯތެރަޕީ ނަގަމުންނެވެ. އަދި ޝާހީ މަސައްކަތަށް ނުކުންނާނީ ޑޮކްޓަރުންގެ ލަފައާ އެކު ކަމަށް ޝާހީ އާއިލާއިން ބުނެ އެވެ.