ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ފީސިބިލިޓީ ސްޓަޑީއެއް ހަދަން ޗައިނާއާ ހަވާލުކޮށްފި އެވެ.

މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަދި ޗައިނާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު ވަން ލިޒިންނެވެ.

މިމަސައްކަތަކީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހިލޭ ކޮށްދޭ ކަމެއްގެ ގޮތުގައި ކޮށްދިނުމަށް ޗައިނާ އިން އެއްބަސްވެފައިވާ މަޝްރޫ އެވެ. މިމަސައްކަތުގެ ތެރެއިން ފީސިބަލް ސްޓަޑީއަކާއި ޑިޒައިން މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވެ އެވެ.

ވިލިމާލޭގައި އަޅަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލަކީ ޗައިނާއިން ރާއްޖެއަށް ދޭން ނިންމާފައިވާ 920 މިލިއަން ޗައިނީސް ޔުއާން (130 މިލިއަން ޑޮލަރު) އިން ހަރަދުކޮށްގެން އަޅަން ނިންމާފައިވާ ހޮސްޕިޓަލެކެވެ.

އެ ހޮސްޕިޓަލް ވެގެން ދާނީ ވިލިމާލޭގެ ރައްޔިތުންނަށް މާލެ ނުގޮސް ރަނގަޅު ސިއްހީ ހިދުމަތްތަކެއް ލިބިގެންދާނެ ހޮސްޕިޓަލަށެވެ. އަދި އެ ހޮސްޕިޓަލް ތަރައްގީ ކުރަނީ ގިނަ ހިދުމަތްތަކެއް ވެސް ލިބޭ ގޮތަށެވެ.

ވިލިމާލޭގައި މިހާރު ބޭނުންކުރާ ހޮސްޕިޓަލުގައި ބޭނުންކުރަނީ އެމަޖެންސީ ފަސް އެނދެ އެވެ. އަދި ހޮސްޕިޓަލުގައި ހުރީ ބަލި މީހުން ބަލާ ތިން ކޮޓަރިއެވެ. ބައެއް އާއްމު ހާލަތްތަކުގައި މިހާރުވެސް ފަރުވާއށް އަންނަޖެހެނީ މާލެ އެވެ.