މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މަމްސް އެއިޑްގެ "ބެކް ޓު ސޫކޫލް 2024" ޕްރޮގްރާމްގައި ދިރާގުން ބައިވެރިވެއްޖެ އެވެ.

ދިރާގުން ބުނިގޮތުގައި "ބެކް ޓު ސްކޫލް 2024" ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ދިރާސީ އާ އަހަރު ފެށޭއިރު، މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކުގެ ތެރެއިން ޚާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ. މި މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ފަރާތްތައް ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރު ފެށޭއިރު، ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު ދަބަސް، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދެވޭނެ ކަމަށެވެ. އެގޮތުން ދިރާގުގެ އެހީތެރިކަމާއެކު "ބެކް ޓު ސްކޫލް 2024" ޕްރޮގްރާމްގައި މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖުގެ (ޕްރީސްކޫލް ލެވެލް)ގެ ދަރިވަރުންނަށް މިތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެހީތެރިކަން ބޭނުންވެފައި ތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ. މަމްސް އެއިޑާއެކު ދިރާގުން ކުރިއަށް ގެންދާ މި ޕާޓްނާޝިޕް މަގްސަދަކީ، މި އާއިލާތަކަށް އެއްބާރުލުން ދިނުމާއި ޚާއްސަކޮށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުން ކަމަށް ދިރާގުން ބުނެ އެވެ.