އިޒްރޭލުގެ ޖަލެއްގައި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ފަލަސްތީނުގެ ރައްޔިތަކަށް ދުނިޔޭގެ ފެންވަރުގެ އިނާމެއް ލިބިއްޖެ އެވެ.

މިހާރު އުމުރުން 41 އަހަރުގެ ބާސިމް ޚަންދަގްޖީއަށް ލިބިފައިވަނީ މެދުއިރުމަތީގައި ލިޔުންތެރިކަމުގެ ރޮނގުން ދޭ ޝަރަފުވެރި އިނާމެއް ކަމަށްވާ ބެސްޓް އަރަބިކް ފިކްޝަންގެ އިނާމެވެ.

އިނާމު ހާސިލްކުރި ބާސިމްގެ ފޮތް ކަމަށްވާ "ދަ މާސްކް: ކަލާ އޮފް ދަ ސްކައި"އަކީ އޭނާ ޖަލުގެ ހުކުމް ތަންފީޒް ކުރަމުން ލިޔުނު ފޮތެކެވެ.

މި އިނާމު ދިން ފަރާތުން ބުނީ ބާސިމްގެ ފޮތަކީ ގަތުލު އާއްމެއްގެ ތެރެއިން އާއިލީ ގުޅުންތަކާއި ނަސްލީ ތަފާތު ކުރުންތައް ވަރަށް ފުރިހަމައަށް ދައްކުވައިދޭ ފޮތެއް ކަމަށެވެ.

އިނާމަށް ހުށައެޅި 133 ހުށައެޅުމުގެ ތެރެއިން ބާސިމްގެ ފޮތް ކާމިޔާބު ކުރިއިރު ބާސިމްގެ ފަރާތުން އޭނާގެ އިނާމާ ހަވާލުވީ ފޮތް ޗާޕުކުރި ލުބްނާނުގެ ކުންފުނިންނެވެ.

2004 ވަނަ އަހަރު ބާސިމް 20 އަހަރަށް އިޒްރޭލުގެ ޖަލަށް ލާން ހުކުމް ކުރެވުނީ ތެލް އަވީވްގައި ދެވުނު ވަރުގަދަ ހަމަލާއެއްގެ ކުށް ސާބިތުވެގެން ކަމަށް ބުނެ އެވެ.

ބާސިމް ވަނީ އޭނާގެ ޖަލު ހުކުމް ތެރޭގައި އިންޓަނެޓް ބޭނުންކޮށްގެން ޔުނިވާސިޓީ ތައުލީމު ފުރިހަމަކޮށް ޅެން ފޮތްތަކާއި ވާހަކަ ފޮތްތައް ވެސް ނެރެފަ އެވެ.