ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާ ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް) އިން ސްރީ ލަންކާއާ އެކު 120 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމުން އަރައިގަތުމަށް ގައުމުތަކަށް އެހީތެރިވުމަށް 68 ގައުމެއް ގުޅިގެން އުފައްދާފައިވާ ފޯރަމް އިން ލަންކާގައި ކުރާ ބޮޑު އިންވެސްޓްމަންޓުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ކޮލަމްބޯގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ސީވީއެފްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ނަޝީދެވެ. ލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރައީސް ރަނިލް ވިކްރަމަސިންހަގެ ކައިލެޓްމެޓް އެޑްވައިޒަރު ރުވާން ވިޖެވަރްދަނާ އެވެ. އަދި މި ޕްރޮޖެކްޓުގައި ހިމެނޭ ޕޯޗުގަލްގެ ނޭޓިވް ކެޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ ކާލޯސް ގޯމޭޒް އެވެ. މިއީ މި ޕްރޮޖެކްޓުގެ ދަށުން ލަންކާގެ ދަނޑުވެރިކަން ކުރިއެރުވުމަށާއި ޖަންގަލިތައް ހިމާޔަތް ކުރުމަށް އިންވެސްޓްކުރާ ޕޯޗުގަލްގެ ކުންފުންޏެވެ.

ސީވީއެފް އިން ބުނީ މިއީ ލަންކާގެ ކްލައިމެޓް ޕްރޮސްޕަރިޓީ ޕްލޭނުގެ ދަށުން ލިބުނު ފުރަތަމަ އިންވެސްޓްމަންޓް ކަމަށެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ރައީސް ނަޝީދު ވިދާޅުވީ ސީވީއެފުން ބާރު އަޅަނީ ގައުމުތަކުން ކްލައިމެޓް ޕްރޮސްޕަރިޓީ ޕްލޭންތައް އެކުލަވާލަން ކަމަށެވެ. އޭރުން ތިމާވެއްޓަށް ގެއްލުން ނުދީ ތަރައްގީ ހާސިލް ކުރެވޭނެ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ ކަންކަމާ އެއްފަރާތަށް ޖެހިވަޑައިގެން، ސީވީއެފްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ނަޝީދު މިހާރު ދިރިއުޅުއްވަނީ ގާނާގަ އެވެ. މިދިޔަ މަހު ނިނުމު މަޖިލިސް އިންތިޚާބަށް ދެ ދުވަހަށްވެފައި ވަނިކޮށް ނަޝީދު ވަނީ ރާއްޖެ ވަޑައިގެން އެމަނިކުފާންގެ ދަ ޑިމޮކްރެޓްސްގެ ކެމްޕޭނުގެ ފަހު ހަރަކާތްތަކުގައި ބައިވެރިވަޑައިގެންފަ އެވެ. ނަމަވެސް އިންތިޚާބުން އެންމެ ގޮނޑިއެއް ވެސް ޑިމޮކްރެޓްސް އަށް ނުލިބެ އެވެ.