ފޮރުވެގެން ތިބެ ނޫނީ ކާކުކަން ނޭނގޭ ގޮތަށް ހިންގަމުން އަންނަ ނިއުސް ވެބްސައިޓުތައް ހިންގާ ފަރާތްތަކަށް ރައީސް އޮފީހުގެ ސްޓްރެޓީޖިކް، ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހަލީލް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް ރާއްޖޭގައި އޮތް "ބްލެކްލިސްޓް" މީޑިއާތަކުގެ ލިސްޓު އުވާލާފައިވާ ކަމަށެވެ. އަދި މިހާރު ބްލެކްލިސްޓް މީޑިއާއެއް ނޯންނާނެ ކަމަށާއި އެ މީޑިއާއަކުން ކިތަންމެ ވަރަކަށް އެއީ ބްލެކްލިސްޓު މީޑިއާއެއް ކަމަށް ދެކުނަސް، އެކަން އެގޮތަށް ނުވާނެ ކަމުގައި ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ފޮރުވެގެން ތިބެ ނިއުސް ވެބްސައިޓްތައް ހިންގަމުން އަންނަ އިރު، އޭގައި ދޮގެއް، ތެދެއް ވަކި ކުރަން ނޭނގޭ ކަމަށެވެ. އަދި ކަނޑައެޅިގެން ބުހުތާނު ދޮގު ހަދައިގެން އާޓިކަލްތައް ލިޔަމުންދާ ކަމުގައި ހަލީލް ވިދާޅުވި އެވެ.

ރާއްޖެ އަށް ޑިމޮކްރެސީ ގެންނަން އުޅުނު ދުވަސްވަރު އެކި މީސްމީހުން އަޑީގައި ތިބެގެން ފޮރުވިގެން ތިބެ ވެބްސައިޓު ހިންގިޔަސް މިއީ ބޭނުން ވާހަކައެއް ބޭނުން ޓީވީ ޗެނަލަކުން ދައްކައި އަދި އޮންލައިން މީޑިއާގައި ލިޔެވޭ ޒަމާން ކަމަށް ހަލީލް ވިދާޅުވި އެވެ.

"ބޭނުން އާޓިކަލެއް ލިޔެވޭ ނޫންތޯ؟ ދެން އެހާ ރަނޑުކޮށް އަމިއްލަ އަށް ކޮން ބައެއް ކަން ނޭނގޭ ގޮތަށް އެއްޗެހި ލިޔެ އުޅުމަކީ، ތަންކޮޅެއް ރަނޑު ނޫންތޯ؟ އަޅުގަނޑަށް ތަންކޮޅެއް ރަނޑު މި ބަސް ބޭނުންކުރެވެނީ ވެސް. ހަމަ ކެރިގެން ނުކުމެ ސަރުކާރަށް ފާޑުކިޔަންވީ ނޫންތޯ؟ ހަމަ ކެރިގެން ނުކުމެ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ފާޑުކިޔަންވީ ނޫންތޯ؟ ސަރުކާރުން ހިންގާ ކަންތައްތަކަށް ވެސް ފާޑު ކިޔަން ވީ ނޫންތޯ؟،" ހަލީލް ވިދާޅުވި އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި އިންޓަވިއުގައި ހަލީލް ވިދާޅުވީ ފޭސްބުކް، އެކްސް ފަދަ ސޯޝަލް މީޑިއާތަކުގައި އެކައުންޓުތައް ހަދައިގެން ސަރުކާރަށް ފާޑު ކިޔަމުންދާ އިރު، އެމީހުން ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލުކޮށް، ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.