މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިޔުމަށްޓަކައި އެމްޑީޕީގެ ސަރުކާރުން ތަރައްގީކުރި ކ. ކުޑަގިރި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑެވޮލޮޕްމަންޓު ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ދަށުން ތަރައްގީކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިއުނާ ޚާލިދު ވިދާޅުވެއްޖެ އެވެ.

"ސަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި ޝިއުނާ ވިދާޅުވީ އެ ކުންފުނިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ މަޝްރޫއެއްގެ ގޮތުގައި ކުޑަގިރި ތަރައްގީކުރުން ހިމެނޭ ކަމަށެވެ.

"މިހާރު މަސައްކަތް ކުރަމުން މި ދަނީ އިންޓަގްރޭޓެޑް ޕްރޮޖެކްޓެއްގެ ގޮތަށް ކުޑަގިރި ވެސް އެމްއައިޓީޑީސީގެ ދަށުން ތަރައްގީކޮށް، އެ ރަށް ކުރިއަށް ގެންދަން،" ޝިއުނާ ވިދާޅުވި އެވެ.

ފެބްރުއަރީ 9، 2023 ގައި ބޭނުންކުރަން ފެށި އެރަށުގެ މަސައްކަތް ކުރީ އެޗްޑީސީ، އެމްޓީސީސީ، ފެނަކަ، އަދި ސްޓެލްކޯގެ އެހީގަ އެވެ.

ކިޑަގިރިއަކީ ހަމައެކަނި ދިވެހި ރައްޔިތުން ޕިކްނިކް ދިޔުމަށް ތަރައްގީކޮށްފައިވާ ރަށެއް ކަމުގައިވާއިރު، އެރަށް ފަތުރުވެރިކަމުގެ ރަށެއްގެ ގޮތުގައި ތަރައްގީކުރަނީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.