ހިނގަމުން މި އަންނަ ދަހަރު ނިމުމުގެ ކުރިން އޭޝިއާއަށް އުދުހޭ ކާރު ތައާރަފް ކުރަން އެއާކްރާފްޓް އުފައްދާ ކުންފުނި ބޮއެންގްއިން އަމާޒު ހިފައިފި އެވެ.

އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން އެއާކްރާފްޓަކީ އުދުއްސައި ޖައްސަން މާ ބޮޑު ޖާގައެއް ބޭނުންނުވާ ކަރަންޓުން ޗާޖު ކުރެވޭ އުޅަނދެކެވެ.

ބޮއަންގްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ޓޮޑް ސިޓްރަން ވިދާޅުވީ އެމެރިކާއިން އެ އުޅަނދުގެ ރައްކާތެރިކަމުގެ ސެޓްފިކެޓް ހޯދުމަށްފަހު އޭޝިއާއަށް ވިޔަފާރި ފުޅާކުރާނެ ކަމަށެވެ.

އެގޮތުން އޭޝިއާގައި އެންމެ ފުރަތަމަ މިއުޅަނދު ތައާރަފް ކުރާނެ ގައުމަކަށް ބޮއެންގްއިން ވަނީ ޖަޕާން ކަނޑައަޅާފަ އެވެ. ޖަޕާނުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ސްކައިޑްރައިވްއާއި ޖަރުމަނުގެ ވޮލޮކޮޕްޓާއިން ވަނީ 2025 ވަނަ އަހަރު އެގައުމުގައި އެއާ ޓެކްސީގެ ހިދުމަތް ތައާރަފް ކުރަން ނިންމާފަ އެވެ.

މި އުޅަނދާއެކު ޓްރެފިކްގެ މައްސަލަ ބޮޑުވެފައިވާ އޭޝިއާގެ ގައުމުތަކުގައި އާއްމުން ކުރާ ކުރު ދަތުރުތަކަށް ލުއި ފަސޭހައެއް ލިބޭނެ ކަމަށް ބޮއެންގްއިން ބުނެ އެވެ.