ކްރިމިނަލް ކޯޓުން ކުރި ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލްކުރުމުން އެކަމުގެ ކްރެޑިޓް ރައީސް މުހައްމަދު މުއިއްޒު ނަގާނެ ކަމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޖަލު ހުކުމް ބާތިލުކުރުމާއެކު މިރޭ ޕީއެންއެފްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތް ހައިކޯޓުން ނުނިމި ލަސްވީ މި ސަރުކާރުން އެކި ގޮތް ގޮތަށް ނުފޫޒު ފޯރުވައިގެން ލަސްކުރުވުމުން ކަމަށެވެ.

"މިއަދު މިކަމުގެ ކްރެޑިޓް މުއިއްޒު ނަގާނެ ކަމެއް ނެތް. އެ މީހުން ޝުކުރު އަދާކޮށް އެ މީހުންނަށް މެސެޖް ކުރާ ކަމަށް އެބަ ވާހަކަދެކެވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކޯޓުން މިނިވަންވުމުގައި ސަރުކާރު މިހާރު ހިންގަން ތިބި ބޭފުޅުން ތާއީދުކުރައްވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އެ ބޭފުޅުންގެ އިހުސާންތެރިކަމެއް މިކަމުގައި އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެ ބޭފުޅުން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރޭ އަޅުގަނޑު މިނިވަންވާން ޖެހޭ ކަމަކަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

https://www.facebook.com/channel13official/videos/1665458617548438

އެ މަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ މައްސަލަ ލަސްވެގެން ރައީސް މުއިއްޒު ކުރެއްވި އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި މައްސަލައެއް ލަސްވަންޏާ އެކަން އަވަސްކޮށްދިނުމަށް ކޯޓުގައި ރައީސަކަށް ހުންނަވާ ބޭފުޅަކު އެދިވަޑައިގަތުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"މައްސަލަ ވަކި ގޮތަކަށް ނިންމަން އެންގުން އެއީ މައްސަލައަކީ. އަޅުގަނޑު ނުދަންނަވަން ވަކި ގޮތަކަށް ނިންމަން އަންގަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ކެމްޕޭން ދަތުރުތައް މާދަމާ ފައްޓަވާނެ ކަމަށެވެ.

"އަޅުގަނޑަށް ކެމްޕޭން ކުރަން ދެ ދުވަސް މި ލިބެނީ. ފަހަރެއްގައި އެންމެ ކައިރިން ދަތުރުތައް ނުފެށިދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ސަމާސާކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ "ދޫނި ވެސް ކޮށިން ނުކުމެ އެންމެ ފުރަތަމަ އުދުއްސައިގަންނާނީ އެންމެ ދުރަށް" ކަމަށެވެ. އެހެންވެ ތަންކޮޅެއް ދުރަށް ވަޑައިގަތުމަކީ އެކަށީގެންވާ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސެލެބްރޭޓް ކުރުން މަޑުޖައްސާލަން ދެންނެވިން

ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު ގެއަށް ވަޑައިގެންނެވި ދުވަހު ރައީސް މުއިއްޒު އަރިހު އެރޭ ބާއްވަން އުޅުނު ރަސްމިއްޔާތު ފަސްކޮށްލަން އެދިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑު ދެންނެވިން މަޑުކޮށްލަން ސެލެބްރޭޓް ނުކުރަން. އަޅުގަނޑު މިނިވަންދެން މަޑުކޮށްލަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ފަހުން ވެސް ފޯނުން ގުޅައި އެކަން މަޑުކޮށްލަން އެންގުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވި ކަމަށެވެ. އަދި އޭގެ ފަހުން އެކި ބޭފުޅުން މެދުވެރިކޮށް ގުޅަން މަސައްކަތް ކުރެއްވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑާއެކު ފުޓުބޯޅަ ކުޅެންދާ ކުދިން ވެސް މަނާކުރި. އަޅުގަނޑުގެ ފޮޓޯތައް ވައްޓާލީ ކޮން ބައެއްތޯ؟ ސިޓީ ކައުންސިލުގެ ރަމީޒް އަންގައިގެން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ކެމްޕޭނަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އެކައުންޓުން ތިން މިލިއަން ރުފިޔާ ހަރަދުކުރަން ޖަލުގައި ހުންނެވިއިރު ދެންނެވިން ކަމަށެވެ. އަދި ފަހުން މިނިވަންވެގެން އެ ފައިސާ ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަބްދުއްރަހީމަކީ ރޯލް މޮޑެލްްއެއް ނޫން

ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަކީ އެމަނިކުފާނުގެ ރޯލް މޮޑެލް ކަމަށް ވިދާޅުވި ނަމަވެސް ރައީސް ޔާމީންގެ ރޯލް މޮޑެލްއަކަށް ނުވާނެ ކަމަށެވެ.

"އަޅުގަނޑުގެ ރޯލް މޮޑެލްއެއް ނޫން އަބްދުއްރަހީމަކީ. އެކަން ހަނދާން ކުރަންވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް އިހުލާސްތެރީ ކޮން ބައެއްކަން މިހާރު އޮޅިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ މިނިސްޓަރު މަލީހު ޖަމާލްއާ ބެހޭ ގޮތުން މި ސަރުކާރުގެ އިސްވެރިންނަށް ދެއްކޭނެ ވާހަކައެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ސަރުކާރުގެ ބޭފުޅުން އަޅުގަނޑާ ދިމާލަށް އެކި އެއްޗެހި ގޮވަނީ މިހާރު. މި ބޭފުޅުން އަޅުގަނޑަށް ފާޑު ވިދާޅުވީ އެހެން ވެސް ބޭފުޅުން މަގާމުތަކުން ވަކިކުރާ ގޮތަށް ވަކިކުރި ފަހުން،" ރައީސް ޔާމީން ވިދާޅުވި އެވެ.