އެންމެންގެ މެދުގައި ގުޅުން ބަދަހިކޮށް، އިސްލާމީ ރިވެތި އާދަތަކުގައި ހިފަހައްޓައި، އެފަދައިން އަމަލުތައް ބައްޓަންކުރުމަށް ރައީސް މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ 1445 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގަ އެވެ.

ރައީސް ހިތާބުގައި، ރަމަޟާން މަހަކީ، ހުރިހާ ގޮތަކުން ވެސް ހެޔޮކަމުގެ މައްސަރުކަމުގައި ފާހަގަކުރައްވައި، އެކަކު އަނެކަކަށް ހެޔޮ ފޯރުވުމުގެ އާދަ އިތުރަށް ހަރުދަނާކުރުމަށް ބާރުއެޅުއްވި އެވެ. އަދި އެމަނިކުފާނު ވަނީ ހެޔޮ ފޯރުވުމުގައި ނަމޫނާ ދެއްކުމުގެ ގޮތުން ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން މަސްވެރީން ކިރުވި މަހަށް ފައިސާ ނުލިބުމުގެ މައްސަލަ ރޯދައަށް ހައްލުކޮށްދެވުމާއި، ކުއްލި ހާލަތުގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތައް ރޯދައިގެ ކުރިން ހައްލުކޮށްދެވުމާއި، ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ފަރާތުން ހަދިޔާއެއް ދިނުމާއި، ރަމަޟާން މަހުގެ ފަހު ދިހައެއް އަޅުކަމަށް ޚާއްޞަކުރެވި، އޮފީސްތައް ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސަވާފައިވާކަން ފާހަގަކުރެއްވި އެވެ.

މިއަދުގެ ހިތާބުގައި ރައީސް ވަނީ، އިސްލާމީ އުންމަތަކީ އެއް ހަށިގަނޑެއް ފަދަ ބަދަހި އުންމަތެއްގެ ގޮތުގައި ސިފަކުރައްވާ މުޅި އުންމަތަށް ހެޔޮދުއާ ކޮށްދެއްވުމަށް ބާރުއަޅުއްވާފަ އެވެ. އަދި ހާއްސަކޮށް ފަލަސްތީނުގެ އަހުލުވެރީން ކުރަމުންދާ ޖިހާދަށް ނަސްރުދެއްވައި، އަނިޔާވެރީންގެ ކެހިވެރިކަމުން މިންޖުކުރެއްވުމަށް އެމަނިކުފާނު ދުއާކުރެއްވި އެވެ.

ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި، ރައީސް ވަނީ، ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރައްވާފަ އެވެ.