ރައްޔިތުން ބޭނުންވާ ޚިޔާލާއި ޝަކުވާ ސީދާ ރައީސް މުހައްމަދު މުއިއްޒަށް ހުށަހެޅޭގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ޕޯޓަލް "ރައްޔިތުންގެ އަޑު" އެމަނިކުފާނު އިފުތިތާހުކޮށްދެއްވައިފި އެވެ.

ރައީސް މުއިއްޒު މި ޕޯޓަލް އިފުތިތާހުކޮށްދެއްވާފައި ވަނީ ރޭ ސަލްޓަން ޕާކުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްދިޔަ 'އަހާ' ސިލްސިލާގެ ދެވަނަ ފޯރަމްގެ ތެރޭގަ އެވެ.

"ރައްޔިތުންގެ އަޑު" ޕޯޓަލްއަކީ، މި ހިނގާ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް އިޢުލާނު ކުރެއްވި މަސައްކަތެކެވެ.

"ރައްޔިތުންގެ އަޑު" ޕޯޓަލް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތްކުރައްވާއިރު، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް މަގުފަހިކުރަން ޖެހޭނެކަމަށް ޤަބޫލުފުޅު ކުރައްވާކަމުގަ އެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގެންފައިވަނީ، ދެފުށް ފެންނަ ޖަވާބުދާރީވާ ސަރުކާރެއް ގާއިމުކުރަންކަމަށާއި، ކަންކަން ވާނުވާގައި އޮތުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ހަމައެއް ނޫންކަމުގައި ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރައްޔިތުންނަށް މި ޕޯޓަލް ބޭނުންކޮށް ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ބާރުއަޅުއްވައި، މި ސަރުކާރުން މަސައްކަތްކުރައްވާނީ ރައްޔިތުންގެ އަމާޒަށް ވާސިލުވުމަށްކަމުގައި ވިދާޅުވެފަ އެވެ.

ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ވީހައި ގާތުން ހޯއްދަވައި ރައްޔިތުންގެ ހާލުއަހުވާލު އަބަދުމެ ބައްލަވަމުން ގެންދެވުމަށް ރައީސް ވަރަށް އިސްކަންދެއްވަ އެވެ. މިގޮތުން މިހާތަނަށް ރައްޔިތުންނާ އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް ތަފާތު އެކި އާ ކަންކަން ރައީސްގެ އިސްނެންގެވުމުގެ މަތިން ފައްޓަވާފައިވެ އެވެ. އޭގެތެރޭގައި ވެރިކަމުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭ އެމަނިކުފާނު ވަނީ އަތޮޅުތަކަށް ދަތުރުކުރައްވަން ފަށްޓަވައިފަ އެވެ. އަދި ކޮންމެ ދުވަހަކު 'ރައީސްގެ ޖަވާބު' ގެ ނަމުގައި ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ޖަވާބުދެއްވައި، ދެއްވާ ޖަވާބު އާއްމުކުރައްވަން ފަށްޓަވައިފައިވެ އެވެ.

މީގެއިތުރުން، 'އަހާ' ސިލްސިލާގެ ފޯރަމްތަކުގެ ގޮތުގައި ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެއް ކުރިއަށް ގެންދިއުމަށާއި، ކޮންމެ ތިން މަހަކުން އެއްފަހަރު ސީދާ ރައީސް ވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބޭއްވެވުމަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅެކެވެ.