ކޮވިޑް-19 އަށް މިއަދު މުޅި ރާއްޖެއިން 121 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 121 ތެރޭގައި ހިމެނެނީ 74 ދިވެހިންނާއި 46 ބިދޭސީންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 271 މީހަކު ރަނގަޅުވެފައިވެ އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 113 އަށް ދަށްވެފަ އެވެ.

އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ރާއްޖޭން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9،173 އަށް އަރައިފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 7،326 އަށް އިތުރުވެފަ އެވެ. އެހެންވެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 1،809 އަށް ތިރިވެފަ އެވެ.

މި ބަލީގައި މިހާތަނަށް 32 މީހަކު ވަނީ މަރުވެފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެ ފިޔަވައި 25 ރަށެއްގައި 99 މީހުން ޕޮޒިޓިވްވެފައި އެބަތިއްބެވެ. މީގެ އިތުރުން 32 ރިސޯޓެއްގައި 21 ޓޫރިސްޓުންނާއި 48 މުވައްޒަފުން ވެސް ޕޮޒިޓިވްވެފައިވެ އެވެ.